ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް އޮރެންޖު ސަމާލު (އޮރެންޖު އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ހއ.އަތޮޅާއި ބ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް އޮރެންޖު ސަމާލު ނެރެފައިވާ ކަމަށެވެ. އޮރެންޖު ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު 02:30 އާއި ހަމައަށެވެ.

އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލަށް ވައި ޖެހި އަދި ވިލާގަނޑުގައި 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

މީގެ އިތުރުން އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުގެ ރަށްތަކަށް ރާޅު އަރާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެ އަށް މިހާރު ވިއްސާރަ ކުރަމުން އަންނަނީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުންނެވެ. އެތޫފާންގެ ނުސީދާ އަސަރު ރާއްޖެ އަންނަނީ ކުރަމުންނެވެ. އަންނަ ހޯމަ ދުވަހާއި ހަމައަށް ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.