ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހުންނަވައިގެން ހިޔާނާތުގެ ފުރިހަމަ ތަހުގީގެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމްއެމްޕީއާރްސީގެ ތަހުގީގަށް މުޅިން އައު ޓީމެއް އެކުލަވައިލަން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ގޮވައިލައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ތަހުގީގު ހިންގަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ އަދި ފުލުހުން ގުޅިގެންނެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތް ފަސްއަޅައި ފޮރުވުމުގެ ބިރު ބޮޑުވެއްޖެ ކަމަށާއި، އެމްޑީޕީ ކޮންޓްރޯލް އޮތް މަޖިލީހާއި ސަރުކާރުގެ ބޮޑުން ހިމެނޭ ރިޕޯޓް އުނި އިތުރުވާކަން ކަށަވަރު ކަމަށެވެ.

ކުށެއްގެ ހެކި ނައްތާލުމަކީ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށް އިތުބާރުކުރާ މީހެއް ނެތްކަމަށް ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ އިރު ސީޕީ ހަމީދަށް މިނިވަންކޮށް ތަހުގީގު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅިން އައު ތަހުގީގު ޓީމެއް އެކުލަވާލަން ގޮވާލަން. ސިޔާސީ ޕާޓީތަކުން އެފަދަ ތަހުގީގަކަށް އެއްބާރުލުން ދޭންވީ. ތިޔަ ތަހުގީގަކީ ކުރިންވެސް ތަކުރާރު ކުރި ގޮތަސް ސިޔާސީ ސަކަރާތެއް" ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހިމެނވަޑައިގަންނަވާ ޖަމީލް ވަނީ ކުރެއްވި ފަހު ޓްވީޓްގައި ސުވާލެއް އުފައްދަވާފައެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރުކޮށް އަދި ލިސްޓުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.

ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގަމަރު

  އެއްވެސް ޝަށްކެތް ނެތް ރައީސް ސޯލިހު ހިޔާނާތުގެ ކުރީގައުޅެނީ އޭނަގެ ނަންވަނީ އުނިކޮށްފަ ސޯލިހުހީކުރީ ރިޔާސީވައުދުން އެމްއެމްޕީއާރުސީގެ މަށްސަލަބަލަން ވައުދުވީމަ ތިމަންނަ އެކަމުންރެކެވުނީއޭ ބޭފުޅާކުއްހީއެއް އެއީ އަތަށްގޮވާނެދުވަސް ކައިރިވެއްޖެ.

 2. އި ބު ރ

  ރަނގަޅު ޓީމެއް ލިބޭތޯ ބިޑަށް ލުމަށްޓަކަކަކ ކައި ބިޑު ޑޮ ކިއުމެންޓު ކޮވިޑާއި ހެދީ ނުވެގެން މި އުޅެނީ!

 3. ކޮވިޑް

  މިދުވަސް ވަރު ބޮން ގޮއްވައިފި، ރައްޔަތުން ގޭ ބަންދު ކޮށްފި ކުއްލިޔަކަށް އެމްއެމްޕީއާރްސީގެ ހިލުވާލައިފި ، ކޮވިޑުން ރައްޔަތުން ބިރުދައްކުވައިފި، އަންނި ޔޫކޭ އަށް ފުރުވާލައިފި ، މި އުޅެނީ މިޤައުމަށް ކޮންފަދަ ކަމެއް ޖައްސުވަންތޯ؟ ކޮންފަދަ ޖަރީ މާއެއް މި ޤައުމުގާ ހިންގަންތޯ؟ ޔާ ﷲ މިހާރު މިތިބަ ނުބައި ނުލަފާ ވެރިންގެ ކިބައިން މި ޤައުމާ ރައްޔިތުން ސަލާމަތް ކޮށް ދެއްވާށި އާމީން

 4. އުހުމަދު

  ތި ދައްކާ ވާހަކަ ކަމަކު ނުދޭ. އެކަން ކުރީ ހަމަ ރަގަޅަށްވެސް ސިޔާސީ ކުދިން ކޮޅެއްކަން އެންމެނަށް އިގޭ. މުގުލުގަ ތިބި ބަޔަކުވެސް އެގޭނެ.