އައްޑޫ ސިޓީގައި ނިރުބަވެރިކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަރުކަށި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަަމަށެވެ. އަދި އަނެއް ހަތަރު މީހުންނަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަހުމަދު ނާހިދު ޖަމާލް 31، ހިމެނެއެވެ. އެއީ އައްޑޫގެ ހަރުކަށި ފިކުރުގެ ބޮޑެކެވެ.

އައްޑޫގައި ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި މިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށާއި ސިފައިންގެ އިންޓަލިޖެންސަށް ލިބުމާ ގުޅިގެން ކަމަށްވެއެވެ.