ށ. މިލަންދޫގައި ކަރަންޓީނުގައި ނެތް ސްކޫލް ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވާ ކުއްޖާއަކީ އެ ރަށު ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ ފައްސިވެފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވި ގޮތުގައި އެ ކުއްޖާއަކީ މިއިން ކައިރި ދުވަހެއްގައި ވެސް ރަށުން ބޭރަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫން ކަމަށާއި ކުރިން ފައްސިވެފައިވާ މީހުންނާއި ބައްދަލުވެފައިވާ ކުއްޖެއް ވެސް ނޫން ކަމަށެވެ.

އެކުއްޖާ ފައްސިވުމާއި ގުޅިގެން މިވަގުތު އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަން އާތިފް ވަނީ ވިދާޅުވެފައެވެ.

މި ވޭދަނައާއި އެކީ މިލަންދޫ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ. އެއީ އެރަށުން މީގެ ކުރިން ފައްސިވެފައިވާ 5 މީހަކާއި މިމަހުގެ 18 ވަނަ ދުވަހު ފައްސިވެފައިވާ 3 މީހެކެވެ.

އެރަށުން އެންމެ ފަހުން ފައްސިވެފައިވާ 3 މީހުންގެ ތެރޭގައި ސްކޫލް ކުއްޖާ ހިމެނޭއިރު، ދެން ތިބި 2 މީހުންނަކީ މާލެއަށް ވިހަން ގޮއްސައި ރަށުގައި ކަރަންޓީނު ވެގެން ތިބި އާއިލާއެއްގެ ބައްޕަ އާއި އޭނާގެ ދަރިފުޅެވެ.

އާތިފް ވިދާޅުވީ، ކަރަންޓީނުގައި ނެތް ކުއްޖަކު ކޮވިޑަށް ފައްސިވުން އެއީ ބިރުވެރި ކަމެއް ކަމަށާއި އެކަން އެގޮތަށް ހިނގައި ދިއުމުން ބޮޑަށް ބެލެވެނީ ރަށުތެރޭގައި ބަލި ފެތުރެނީ ކަމަށެވެ.

މި ވޭދަނައާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.