މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައި ތިބި 29 މީހަކު އެބަތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މއ.މޯނިންވިއުގެ ތިންވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ޓްވީޓެއްގައި ވިދާޅުވީ، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތައް މިވަގުތު ތިބީ ގިޔާސުއްދީން ސްކޫލްގައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފަސް އާއިލާއަކުން 29 މީހަކު އެތަނުގައި ތިބި ކަމަށާއި، މި ފަރާތްތަކަށް ވަގުތީ ހިޔާވެހިކަން ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ރޯވެފައި ވަނީ ތިންވަނަ ފަންގިފިލާގައި ނަމަވެސް އެ ގޭޭގެ ދެެވަނަ ފަންގިފިލާވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އަލިފާން ރޯވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ފަތިހު 05:00 ހާއިރުއެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަލިފާން ރޯވި އިރު އަލިފާން ރޯވި ފްލޯގައި ވެސް ތިން މީހުން ތިއްބެވެ. އެމީހުން އިމާރާތުން ނިކުންނަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.