ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެކަނާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ އިތުރުން، ރަހީނުކުރި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ވިދާޅުވީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރެވެ.

ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.