ލާމު އަތޮޅުގެ ރަށްތަކުން އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ލާމު ގަން ރީޖަނަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް އެ އަތޮޅުގެ ހަ ރަށަކުން ވަނީ 37 މީހަކު ފައްސިވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ގަމުން ފައްސިވެފައިވަނީ ތިން މީހުންނާއި މާންދޫއިން ފައްސިވެފައިވަނީ އެކަކާއި އިސްދޫން ފައްސިވެފައިވަނީ 16 މީހަކާއި ކަލައިދޫން ފައްސިވެފައިވާ ހަ މީހަކާއި މާމެންދޫން ފައްސިވެެފައިވާ އެކެއްގެ އިތުރުން މާވަށުން ފައްސިވެފައިވާ 10 މީހެކެވެ.

މިއާއި އެކީ އެއަތޮޅުން ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 1،214 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު އެކްޓިވްކޮށް ތިބީ އެ އަތޮޅުގައި 462 ވޭދަނައެވެ. އެއީ ގަމުން ފައްސިވެފައިވާ 103، މާންދޫ 8، އިސްދޫ 107، ކަލައިދޫ 62، ފޮނަދޫ 16، ހިތަދޫ 4، މާމެންދޫ 19 އަދި މާވަށުން ފައްސިވެފައިވާ 143 މީހެކެވެ.

މިހާތަނަށް އެއަތޮޅުން މި ބަލީގައި 748 މީހަކު ރަނގަޅުވެފައިވާއިރު، މި ބަލީގައި އެއަތޮޅުން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ ގަމުން ނިޔާވި ދެ މީހާއި މާންދޫ އިން ނިޔާވި މީހަކާއި މާވަށުން ނިޔާވި އެކަކެވެ.

ރާއްޖެއިން މިހާތަނަށް 65،868 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން ރަނގަޅުވެފައިވަނީ 41،779 މީހެކެވެ. މި ބަލީގައި މިވަގުތު އެކްޓިވްކޮށް 23،909 މީހަކު ތިބިއިރު އޭގެ ތެރެއިން 197 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބަލީގައި 173 މީހަކު ރާއްޖެއިން މިހާތަނަށް ވަނީ ނިޔާވެފައެވެ.