އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްނުކުރަން ގޮވާލައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މާއުނގޫދޫ ކައުންސިލްގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އާދަމް ސަލީމް އާއި ކައުންސިލްގެ ނައިބު ރައީސް މުސްތަފާ އަބްދުލްޤައްޔޫމް އާއި ކައުންސިލަރ މޫސާ ހަސަން އެވެ. ދެން ތިއްބެވި ދެމެންބަރުންނަކީ ޕީޕީއެމްގެ އާސިމާ އާދަމް އާއި އައިމިނަތު ނަސްފާ އެވެ.

ނަފުރަތުގެ ބިލް ފާސްނުކުރަން ގޮވާލައި މާއުނގޫދޫ ކައުންސިލުން ނެރުނު ބަޔާނުގައި ފަސް ކައުންސިލަރުން ވެސް ވަނީ ސޮއި ކުރައްވާފައެވެ.

މާއުނގޫދޫ ކައުންސިލްގެ ބަޔާނުގައި ވިދާޅުވީ ޤާނޫނުލް އުގޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙްތަކުގެ ސަބަބުން އިސްލާމްދީނަށާއި، އެދީނުގެ އެންމެހާ އަސާސްތަކަށް ފުރައްސާރަކުރުން އިތުރުވެދާނެ ކަމަށް ދީނީ ޢިލްމުވެރިންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ، އެބިލް އެގޮތަށް ފާސްނުކުރުމަށް ގޮވާލާ ކަމަށެވެ.

އިސްލާމް ދީނަށް ފުރަށްސާރަ ކުރުމަކީ ދީނުންބޭރުވާފަދަ ޢަމަލަކަށްވީ ހިނދު، އަދި ނަފްރަތު އުފެއްދުމާއި ޢާއްމުތަންތާގައި މީހުން ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއްކަމަށް މާއުނގޫދޫ ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ މައްސަލަ ތަކުގައި ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއި އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ ލަފައާއެކު މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރަށާއި، ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް މާއުނގޫދޫ ކައުންސިލާއި ރަށުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ގޮވާލާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާއުނގޫދޫ ކައުންސިލުން ނަފްރަތުގެ ބިލާއި ދެކޮޅަށް ބަޔާން ނެރެފައި މިވަނީ އެބިލާއި ދެކޮޅަށް ބަޔާން ނެރުން ހުއްޓުވަން އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ރޭ ގޮވާލައްވާފައި ވަނިކޮށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ޝިފާޒް ރޭ ވިދާޅުވީ އެބިލާއި ދެކޮޅަށް ބަޔާންތައް ނެރުން ހުއްޓުވައި ދިނުމަށް ދާއިރާތަކުގެ ރައީސުންގެ ކިބައިން އެދޭ ކަމަށެވެ.

އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހުންނަށް ބޭނުން ގޮތަކަށް އުޅެން ފަހިވެގެން ދާނެ ފުރުސަތެއް ކަމަށް ބުނެ ގިނަ އާއްމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ސާބަހޭ ދަރިފުޅުމެންނޭ. ޝުކުރިއްޔާ.
  ޕާޓީއަކަށް ނޫން ބަލަންވީ. އަހަރެމެން ނަކީ މުސްލިމުންނަށް ވީތީ ﷲ އެންގެވިގޮތަށް އުޅެންޖެހޭނީ. އަހަރެމެންގެ ދީނަށް، މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރަންޏާ ދިފާޢުގައި ތެދުވަންޖެހޭ. އެއްވެރިކަމެއްގައި، އެއްޕާޓީ އަކުން ވެސް އިސްލާމް ދީނަށް ގޮންޖަހަން ފުރުޞަތުދީގެން ނުވާނެ. އަހަރެމެންނަށް ރިޒުޤު ދެއްވާ ނިޢުމަތްތައް ދެއްވާފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ.

 2. Anonymous

  ސާބަހޭ ވަގުތުނޫހަށްވެސް.
  ދީނާ ދެކޮޅަށް ގޮންޖަހާލަން އުޅޭ ބަޔަކަށް އަޕްޑޭޓް މެކްހަށް ޖަހާފައި. މިހެންވީމާ ވަގުތަށް ކަމޭހިތަނީ. ޝުކުރިއްޔާ ވަގުތު ޓީމު

 3. ދަރަނި ދަންތުރަ

  އައްސަރިބަހާ ސާބަސް އިސްލާމްދީނުގެ ދިފާއުގައި ހައްގުބަސް ބުނަން ފަސްނުޖެހޭތި ، ރީނދުލެއް ފިޔާތޮއްޓެއް ނެތް ، އެހެން ކައުންސިލްތަކުންވެސް މިބޭފުޅުން ނަމޫނާޔަކަށް ބަލާ ، ވެބުކެމް ސިފާޒަށް ވަރަށް ސަލާމް ....

 4. ދަރަނި ދަންތުރަ

  ބާރަށު ކައުންސިލުން މި ބިލާދެކޮޅަށް ބަޔާން ނެރެން ހުރަސްއަޅަނީ އެމް ޑީ ޕީ އިން ބާރަށު ކައުންސިލަށް ހޮވުނު ކައުންސިލްގެ ރައީސް ސޮއްފަތު ، ޕީ ޕީ އެމް ގެ ހަތަރު ކައުންސިރަރުން މި ބިލާދެކޮޅަށް ބަޔާން ނެރެން ބުނީމަވެސް ސޮއްފަތު މިކަމަށް ހުރަސްއަޅަނީ ...

 5. އުތުރުއެދުރު ކަލޭފާނު

  ރައްރަށުގެ ވެރިންނަށް ހޮވާމީހުންނަކީ މިފަދަ ކެރޭ މީހުންނަށް ވާންޖެހޭ. ޕާޓީއާ ޚިލާފަށްވެސް ބަސްބުނެވެން ޖެހޭނެ.
  މމމ މމމ މާއުނގޫދޫ ކައުންސިލަށް ކުރިއެރުން މ މިންވަރު ކުރައްވާށި!

 6. ހުދު ހުދު

  އަޅުގަނޑު ހިތަށްއަރާ ރައީސް ކޮންފަރާތެއްގެ ނުފޫޒު އޮވެގެންބާއޭ ނަފްރަތުބިލް ބަދަލުކުރުމަށް ނުދަންނަވަނީ... ރާއްޖޭގެ 90% މީހުން ދެކޮޅުކަމަށް ފެންނައިރުވެސް/.......

 7. ވޯޓްވަގު

  ސާބަހޭ، ތިހެން ތިބޭނީ ދިވެހި ބަތަލުން، ތިޔައީ ހަމަ ފަހުލަވާނުންގެ ލަޝްކަރެއް

 8. ސަތަރޭ

  ތުޅާދޫ ކަ އުންސިލް ކޮބާ ބާ؟
  ރަ އްޔިތެ އްގެ ބަސްވެސް ނު އިވޭ މިރަށުގެ!!
  އީމާންތެރިކަން ، އަޤީދާ މިލަފުޒުތަކުގެ މާނަ ދިރާސާކުރަން އެބަޖެހޭ ކޮންމެވެސް ވަރަކަ އް...

 9. ސަކީބު

  މާއުނގޫދޫގެ ހުރިހާ އެމްޑީޕީ ގެ މެންބަރުންނަ އް އަދިވެސް އަންނިގެ ނުލަފާކަން ނޭނގެނީތަ ބަލާ ކީ އއް ނުކުރާނީ ...މިހާރު އޭނާ އެއުޅެނީ ގައުމު ވިއްކާނުލެވިގެން....ވަޒީފާ ވެސްދެނީ ހުސް ބޯގަޅިންނައް ނުކިޔަވާ މީހުނަ އް ވުމުން ގައިމުދަނީ ދަށަ އް....ބަ އްލަވާ މިސަލު...ތިޔަ މާ އިނގުދޫ ޖަލީލު އެހުރީ ހެލްތުގެ މިނިސްޓަރަކަ އް ތޯ އްޗެ އް އަބަދު އިންނަނީ ކެފޭ އެއ އްގަ އި ފޮނިކަނޑަން...

 10. ކުރިން

  ނ.ހެނބަދޫ ކައުންސިލްގެ ފުލް މެޖޯރިޓީ އެމްޑީޕީ. އެކަމަކު ހެނބަދޫ ކައުންސިލުންވެސް ވަނީ ލާދީނީ ބިލާ ދެކޮޅަށް އެންމެ ފުރަތަމަ ބަޔާންނެރުނު ކައުންސިލްތަކުގެ ތެރޭގައި ހިމެނިފަ. ﷲ އަށް ޙަމްދު ހުރި.

 11. ސަމާ

  އެއްމެ ފުރަތަމަ ދީން، ދެން ގައުމު، އެއިގެ ފަހުން ޕާޓީ.
  ވަރަށް ފުރިހަމަ ނިންމުމެއް.

 12. މާފުއްޕާ

  ނެރުނު ބަޔާނުގެ ކޮޕީއެއްގެ އަނެއް ފުށުގައި ގޯނިބޭ ކުޑައަލީ ބުނިގޮތަށް، ކަލެއަށް ސަލާން، ކަލެއަށް ވަޒީފާ ދިން މީހަކަށްވެސް ސަލާން، ސިޓީއުރައަކަށް ލާފައި ބޭރުގައި ޝިފާޒު ޖަހާފައި އެކަލޭގެއަށް ފޮނުވާލާތި.