ރަޙީނުކުރުމަށް ފަހު ބޮޑެތި އަނިޔާތަކެއްދީ މަރާލާފައިވާ، އޮއްވައި ފެނުނު އުމުުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަން މިއަދު އިންޑިއާއަށް ފޮނުވައިފިއެވެ.

އެ ކުއްޖާ މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުން މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ކުއްޖާގެ މަރުގެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ފުލުހުން ނިންމީ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން އިންޑިއާއަށް ފޮނުވަންށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ، ހެނދުނު 10:15 ހާއިރު މޯލްޑިވިއަންގެ ފްލައިޓް Q2 700 ގައި ކުއްޖާގެ ހަށިގަނޑު ޓްރިވަންޑްރަމް އަށް ފޮނުވާލާފައިވާ ކަމަށެވެ.

ކުއްޖާގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ނަމަވެސް ދައުވާކުރަން ފޮނުވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ ބައެއް ކުރިއެރުންތަކަށް ބަލާއިރު، ކުއްޖާ ފެނުނުތާ މާ ގިނައިރުތަކެއް ނުވަނީސް މައްސަލައިގެ ތުހުމަތަށް 27 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު