ކޮވިޑް-19 އާއި ގުޅިގެން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ އެއްވެސް ފަރާތެއް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވިދާޅުވެއްޖެއެެވެ.

އައިޖީއެމްއެޗުން އެގޮތަށް ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން ހާލު ދެރަވި ބިދޭސީ މީހެއްގެ ބިލު އައިޖީއެމްއެޗުން މާފުކޮށްދިން ހަބަރާއި ގުޅިގެންނެވެ.

އެބިދޭސީ މީހާގެ ބިލަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ އަރާފައިވާއިރު، އެ ބިލު މާފުކޮށްފައިވާ ކަން އާއިލާގެ ފަރާތުން ހާމަކުރީ އިއްޔެއެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެފަރާތްތަކުގެ ބިލު މާފު ނުކޮށްދޭނެ ކަމަށް ބުނެ، މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އެނދުމަތި ކުުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރެމުންދާތީ، ކޮވިޑާއި ގުޅިގެން އެނދުމަތިކޮށް ފަރުވާ ދޭ ދިވެހީން އަދި ބިދޭސީން ވެސް ފައިސާ ދައްކަން ނުޖެހޭނެކަމަށް ދަންނަވާ ކަމށެވެ.

ރާއްޖެއިން މިހާތަނަށް 74،848 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 71،758 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 2،865 މީހަކަށް ބަލިޖެހިފައިވާއިރު، އޭގެ ތެރެއިން 77 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިތަލުގައި އެނދުމަތި ކޮށްގެންނެވެ.