ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލައި ހުޅުމާލޭގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަންނަ އަންގާރަ ވަނަ ދުވަހު ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އާއި ވާހަކަދައްކަވަމުން ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމް ނިމި އެ ކުއްޖާ އެނބުރި ރާއްޖެ ގެންނަން މިހާރު ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ރިިޕޯޓް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯޗަރީގައި ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ކުއްޖާގެ ހަށިގަނޑު ބޭރަށް ގެންގޮސްފައި ވަނީ ޖޫން އަށް ވަނަ ދުވަހުއެވެ. ޕޯސްމޯޓަމް ހަދާފައި ވަނީ އިންޑިއާގެ މެޑިކަލް ކޮލެޖެއްގައެވެ.

ރާއްޖޭގައި ހިނގާ މަރަކާއި ގުޅިގެން ފުލުހުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ވެއްޖެނަމަ އާއިލާގެ ރުހުން ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު މިހާރު ގާނޫނުން ފުލުހުންނަށް ލިބެއެވެ.

ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު 13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ.

ހަށިގަނޑު ފެނުނުތާ މާގިނަ އިރުތަކެއް ނުވަނީސް މައްސަލައިގެ ތުހުމަތަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.