އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވަސިޓީ އާއި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި މި އެއްބަސްވުމުގެ އިމްޕްލިމެންޓޭޝަން ސްޓޭޖަށް ވާސިލްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، އެއްބަސްވުމުގައި ސޮއިކުރެވޭނެ ވަކި ދުވަހެއް ނުބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއް މުއައްސަސާގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަނެއް މުއައްސަސާގައި ކުރު މުއްދަތުގެ ނުވަތަ އެކްސްޓެންޑެޑް ސްޓަޑީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެއެވެ. އަދި ދެ ޔުނިވާސިޓީގެ އޮތޮރައިޒްޑް އޮފިޝަލުންނަށް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދަތުރުތައް ކުރުމަށް މަގުފަހިވާ ފަދަ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އަދި ކުރު މުއްދަތުގެ ތަމްރީން އަދި އިންޓާންޝިޕް ޕްރޮގްރާމްތައް ގާއިމު ކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

އިންޑިއާގެ މޮޑާން އާކިޓެކްޓެއް ހުޅުވައި ދެއްވި އެމްއެމްޔޫ ގާއިމު ކުރެވުނީ މުހައްމަދަން އެންގްލޯ-އޮރިއެންޓަލް ކޮލެޖެއްގެ ގޮތުގައެވެ. މިއަދު އެއީ ގާތްގަނޑަކަށް 40،000 ދަރިވަރުންނާއި 1700 މުދައްރިސުން ހިމެނޭ ޕްބަލިކް ޔުނިވަސިޓީއެކެވެ.

އޭއެމްޔޫގައި އާޓްސް، ޓެކްނޮލަޖީ، މެޑިސިން، މެނޭޖްމަންޓް، ކޮމާސް، އެގްރިކަލްޗާ، ލައިފް ސައިންސެސް، ލޯ، ތިއޮލޮޖީ އަދި އިންޓަނެޝަނަލް ސްޓަޑީޒް ފަދަ 13 ފެކަލްޓީ ހިމެނެއެވެ. އަދި ޔުނިވާސިޓީގެ ދަށުން ހަތް ހައި ސްކޫލާއި ދެ ސެކަންޑަރީ ސްކޫލް ހިންގައެވެ. އޭއެމްޔޫ ވަނީ ދާދި ފަހުން ސެންޓަރ ފޯ ޔުނިވާސިޓީ ވޯލްޑް ރޭންކިންގްސް (ސީޔޫޑަބްލިއުއާރު) އިން ޝާއިއު ކޮށްފައިވާ ރޭންކިންގް އިން އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު އަށް ވަނަ ޔުނިވާސިޓީގެ މަގާމް ހާސިލުކޮށްފައެވެ.

ދެ މުއައްސަސާގެ މެދުގައި އެއްބަސް ވުމަށް ހުށައަޅާފައިވާ އެމްއޯޔޫގެ ލިޔުން، އައިޔޫއެމް އިން ޕާޓްނަޝިޕް ބޭނުންވާ މުހިންމު ދާއިރާތައް ހިމެނޭ ހެން ފައިނަލްކޮށް، ރާއްޖެއަށް ޔުނިވާސިޓީގެ ޓީމެއް ވީ އެންމެ އަވަހަކަށް ފޮނުވުމަށް އޭއެމްޔޫ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.