ގއ.ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ވިލިނގިލީ ކައިރިން އެން ދަމަން އުޅުނު މީހަކު ޑިކޯ ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފިއިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. މި ހާދިސާ ދިމާވި އިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގައިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިކަމުގެ މަޢުލޫމާތު ލިބުމާއި އެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ މި މީހާ ސީ އެމްބިއުލާންސް އަށް ނަގާފައެވެ.

މި މީހާ ސިއްހީ އިތުރު ފަރުވާއަށް މިއަދު ހެނދުނު 10:30 ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭނާގެ މިހާރުގެ ހާލަތު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.