ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުވުމުން އެޕާޓީ އުފެއްދެވުމުގެ ހުއްދަ ދެއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ފުއާދު ތައުފީގް "ވަގުތު" އަށް ވިދާޅުވީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފައްދަން މެންބަރު އުޝާމް ހުށަހަޅުއްވާފައިވާ ކަމަށާއި އެ ފޯމު އެ ކޮމިޝަނަށް ބަލައިގެންފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނެ މެންބަރު އުޝާމަށް އެ ހުއްދަ ދީފައި،" ފުއާދު ވިދާޅުވިއެވެ.
ބައެއް މަސްދަރުތަކުން ވެސް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި މި ޕާޓީއަކީ ނާޒިމް އިސްވެ އުފައްދަވާ ޕާޓީއެވެ. އެކަމަކު ޕާޓީގެ ފޯމު ހުށަހެޅުއްވީ އުޝާމްގެ ނަމުގައެވެ. އުޝާމްއަކީ، ނާޒިމްއާ އާއިލީ ގުޅުމެއް ވެސް އޮންނަ ބޭފުޅެކެވެ.
ވިލިމާލޭގައި ދިރިއުޅޭ ޒުވާނުން ހިމެނޭ ވައިބާ ގްރޫޕްއަކަށް އަމިއްލަ މެންބަރު އުޝާމް ފޮނުއްވި ޓެކްސްޓް މެސެއްޖެގައި ވެސް މި ކަން ޚިއްސާ ކުރައްވާފައިވެއެވެ. މި ގޮތުން އުޝާމްގެ ބައިވެރިވުން ހިމެނޭ ގޮތަށް އުފައްދާ ޕާޓީއެއްގެ ފޯމު އޭނާ ހުށަހަޅުއްވާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ.
"އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ ހިއްސާ އެކުލެވޭ ގޮތަށް ސިޔާސީ އާ ޕާޓީއެއް އުފެއްދުން ކަމަށްވާތީ، އަޅުގަނޑުގެ ނަމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަކަށް އެދި އިލެކްޝަންސް ކޮމިޝަންއަށް ވާނީ ހުށަހަޅާފައި،" އުޝާމް ލިޔުއްވާފައިވެއެވެ.
ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީއަށް މަޖިލީހުގެ ބައެއް މެންބަރުން ގުޅިވަޑައިގަންނަވާނެ ކަން ނާޒިމް ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް ވެސް ނާޒިމް މިހާތަނަށް ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.
މިހާރު ކަށަވަރު ކުރެވިފައިވާ ގޮތުން މި ޕާޓީއަށް އުޝާމްއާއި، ނާޒިމްގެ އެކުވެރިއެއް ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގުޅިވަޑައިގަންނަވާނެއެވެ.
ނާޒިމްއާއި ރިޔާޒް ކުރިން ތިއްބެވީ ޖުމްހޫރީ ޕާޓީގައެވެ. އާ ޕާޓީ އުފެއްދެވުމަށް ޓަކައި، ވިޔަފާވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން މި ދެ ބޭފުޅުން ވެސް ވަނީ ވަކިވެވަޑައިގެންފައެވެ.
ޤާސިމް ފަކީރަށް ހަދާލާ ގޮތް
ޕާޓީތައް ހަދަހަދާފަ ވެރިކަމާ ތަޅާފޮޅަނީ ހުރިހާއެންމެން. ޝައިތާނީ ޑިމޮކުރަސީއެއް މިތަނައް ފާވިހިސާބުން އެކުވެރިން ޖެހި، އާއިލާޖެހި، ކޮރަޕްޝަން ގިނަވެ، ހަރުކަށި ސެކިއުލަރިސްޓުން އިތުރުވެއްޖެ..
ޢޭ އުޝާމް ކޮބާ ކަލޭބުނި އެވެސް ޕާޓީއކަނުގުލޭނަމޭ، ކޮބާ މިނިވަންކަން. ތީހަމަހުސް ހައިނުން ރައިތުން ހައްދަން ނިކުނަ ނަނީ ވޯޓްކައިރީމަ، އެހެންުނޫ އަމިއްލަޖީބްބޮޑުކުރަނީ. ތިބެންނަކީވެސް ދެންމިހާޜު ރައިތުްން ގަބޫލްކުރަނެ ބަޔެއްނޫން