ހއ. ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީއާއި ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަހީދު އަދި އެމްޓީސީސީގެ އިސްވެރިން، ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއުއަކީ 5.90 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.