ރާއްޖެއަށް ލިބިފައި ހުރި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ އޮކްސްފޯޑްގެ އެސްޓްރާޒެނަކާ ވެކްސިންގެ މުއްދަތު ހަމަވާނީ ނޮވެމްބަރުގައި ކަމަށާއި، އެހެންކަމުން އޭގެ ކުރިން އެ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެ ވަނަ ޑޯޒް ޖަހާ ނިންމަން ބޭނުންވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ކޮންމެ ވެކްސިނެއްވެސް އުފައްދާއިރުވެސް މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައި ވަނީ ހަ މަސް ދުވަސް ކަމަށެވެ. އަދި ވެކްސިން އުފެއްްދުމަށްފަހު އެއްވެސް ޝިޕްމެންޓެއް އެއްވެސް ތާކަށް މި ފޮނުވަނީ ކޮލެޓީއަށް ބެލުމަށްފަހު ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެ ޓެސްޓިންގ ނިންމުމަށްފަހު އެ ވެކްސިން އަންނައިރުގައި ހަ މަސް ދުވަހަށް ވުރެވެސް ކުރު މުއްދަތެއްް މި ލިބެނީ ވެކްސިނުން ޑޯޒްތައް ޖަހާ ނިންމުމަށް، އެހެންވީމަ އަޅުގަނޑުމެން އެއްވެސް ވެކްސިންއެއް އުކާލާކަށް ނޫނީ ބޭކާރު ވާކަށެއް ބޭނުމެއް ނޫން، ވަަރަށް މުހިންމު ރިސޯސްއެއް، ވަރަށް ގިނަ ގައުމުތަކަށް ލިބެން ދަތިވެފައި ހުރި ރިސޯސްއެއް ލިބިފައި ހުރި". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މިހާރު ޖަހަމުންގެންދާ އެސްޓްރާޒެނަކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންގެންދާނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

"އެހެން މި ދިމާވާ ސަބަބަކީ ވެކްސިން މިހާރު ޖަހަން ތިބި މީހުންގެ އަދަދު މަދުވެފައި، އަޅުގަނޑުމެންނަށް ކެޕޭސިޓީ އެބަހުރި 1 ސެޕްޓެމްބަރާއި ހަަމައަށް މީހުން ރަނގަޅަށް ވެކްސިން، އަޅުގަނޑުމެންނަށް އެ ޑިމާންޑް ލިބިއްޖެކަމުގައިވަންޏާ ފުރަތަމަ ޑޯޒް ޖަހާ ނިންމޭނެ ކެޕޭސިޓީ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހައި ނިންމަން ޖެހޭ ކަމަށާއި، އެއީ ދެވަނަ ޑޯޒް ޖަހަންވެސް ވަގުތު ދޭން ޖެހޭތީ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ،މީގެ ދެވަނަ ޑޯޒް މި ޖަހަނީ އަށް ހަފްތާ ފަހުން، އެހެންވީމަ ދެ މަސް ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންވާއިރަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ". ޑރ. ނަޒްލާ ވިދާޅުވިއެެވެ.