ރާއްޖެއަށް ބޭނުންވާ ސީ އެމްބިއުލާންސް ހޯދުމާ ގުޅޭ ގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި 10 އެމްބިއުލާންސް އާއި ސީއެމްބިއުލާންސް ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ ކުރިން ވެސް ޖަޕާނުން ވަނީ ރާއްޖެއަށް އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

ނައިބް ރައީސް ފައިސަލްގެ އަރިހަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އިއްޔެ ކުރެއްވި ޒިޔާރަތުގައި ސީއެމްބިއުލާންސްގެ އިތުރުން ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާތަކެއް ވަނީ ކުރައްވައިފައެވެ. ޖަޕާނަކީ، އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ.

ވެކްސިން ހަދިޔާ ކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫއުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ސަފީރު ވަނީ ބައްލަވާލައްވާފައެވެ.

އެ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ ޒަމާންވީ އެހީތެރިކަން މާލޭގެ ބޭރުތޮއްޓަށް ނުވަތަ ރާއްޖޭގެ އެކި އެކި ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ބަލައިލިކަމުގައި ވިޔަސް މިހާރުވެސް ފެންނަމުންދާ ކަމުގައި ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނު ވަނީ މީހުން ބިނާކުރުމާއި، ހާއްސަކޮށް ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިންމު އެއް ރިޔާސީ ވައުދުފުޅުކަން ފާހަގަކުރައްވައިފައެވެ. ނައިބް ރައީސް ވިދާޅުވި ގޮތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫއުތަކުގެ އެދެވޭ ނަތީޖާ މުޖުތަމައަށް ނުހަނު ބޮޑަށް ކުރެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައި، ވީހާ ވެސް އަވަހަކަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އަދި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.