ކ. ރަސްފަރީ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ ބޯޓެއް އުރުނު ހާދިސާ އާއި ގުޅިގެން ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާނެ ކަމަށް ނުބެލެވޭ ކަމަށް ދިފާއީ ބާރުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑަންޓް ކާނަލް މުހައްމަދު ސަލީމު ވިދާޅުވީ އެމް.ވީ. ނަވިއޯސް އަމާރީލިސް ރާއްޖޭގެ ސަރަހައްދަށް ވަތްކަން 17 ވަނަ ދުވަހު ޓްރެކް ކުރެވިފައިވާ ކަމަށާއި އެ ބޯޓާއި މެދު ޚާއްސަ ނަޒަރަކުން ބަލާފައި ނުވާނެ ކަމަށެވެ. އެ ބޯޓާއި މެދު ޚާއްސަ ނަޒަރަކުން ބަލާފައި ނުވަނީ އެ ބޯޓަކީ އާއްމު އުސޫލުން ޝިޕިންގައި ހަރަކާތްތެރިވި ބޯޓަކަށް ވުމުން ކަމަށާއި ބޯޓާއި މެދު ސުވާލު އުފެދޭ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްސަ އުސޫލަކުން ބަލަނީ ބައިނަލްއަޤުވާމީ ގޮތުން ނުވަތަ އެމްއެންޑީއެފް އިން އަމިއްލަ އަށް ބަލާ ބެލުމުން ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށާއި އެ ބޯޓާއި މެދު އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އުޅަންދުފަހަރަކީ ބައިނަލްއަޤުވާމީ މިންގަނޑަށް ޓްރެކިން އާއި ކޮމިއުނިކޭޝަން ޝިސްޓަމްތައް ހުންނަ އުޅަނދުފަހަރަކަށް ވުމުން ހާދިސާ އެއް ދިމާވެއްޖެ ނަމަ އެކަން ރިޕޯޓް ކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިފަދަ ހާދިސާތައް އެބަ ހުރި ޔޫރަޕްގެ ގައުމުތަކުގައި ވެސް ދިމާވެފައި. މިހާދިސާ ދިމާވުމާއި ގުޅިގެން އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ މިފަދަ ހާދިސާ އެއް ހިނގައިފި ނަމަ މަސައްކަތް ކުރާ ވޯކިން ގްރޫޕް ބައްދަލުވެ މަސައްކަތް ކުރުން. ޚާއްސަ ގޮތެއްގައި އެކްޓިވް ދައުރެއް އަދާކުރަނީ ޓްރާންސްޕޯޓް އޮތޯރިޓީ އިން. އެހެންވީމަ ޓްރާންސްޕޯޓް އޮތޯރިޓީ އިސްވެ އެޖެންސީ މީޓިންތަކެއް ބޭއްވުނު." އޭނާ ވިދާޅުވިއެވެ.

މިފަދަ ހާދިސާއެއް ހިގައިފި ނަމަ އެ ހާދިސާގައި ހިމެނޭ ފަރާތަށް އެކަން ހައްލު ކުރުމަށް ފުރުސަތުތަކެއް ދޭން ގާނޫނީ ގޮތުން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކޮމްޕެންސޭޝަނާއި މިކަހަލަ ކަންކަން ހުންނަ ކަމަކަށް ވާތީ 24 ގަޑި އިރު ތެރޭގައި އަޅުގަނޑުމެން އެ މީހުންނަށް ހުށަހަޅަނީ އިނިޝިއަރީ ސެލްވޭޖް ޕްލޭނެއް ހުށަހަޅަން. އެ ޕްލޭނަކީ އަޅުގަޑުމެންނަށް މިހާރުން މިހާރަށް އެހާ ބޮޑު ނުރައްކަލެއް އަންނާނެ ކަމެއްތޯ ބަލާފަ އެޕްރޫވަލް ދެނީ. އަޅުގަނޑުމެން ދިނީ 48 ގަޑި އިރުގެ ޕްލޭނެއް ހުށަހަޅާފައި. މިހާރުން މިހާރަށް އުޅަނދުގެ އިންޓަގްރިޓީ އަކަށް ސުވާލެއް ނުއުފެދޭ." އޭނާ ވިދާޅުވިއެވެ.

އެ އުޅަނދުގައި ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާފާނެ ފަދަ އެއްޗަކަށް ހުރީ އުޅަނދު ދުއްވަން ބޭނުން ކުރާ ތެޔޮ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އޭގައި ކޮންމެވެސް ވަރަކަށް ޑީސެލްވެސް އެބަހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު ޕޮލިއުޝަންގެ ހާދިސާ އެއް ހިނގާނެ ކަމަށް ނުބެލެވުނު ނަމަވެސް ހިނގާފާނެ ހާދިސާ އަކަށް އިދާރާތަކުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފެންވަރުގައި އާއި ސަރަހައްދީ ފެންވަރުގައި ވެސް އެކަމަށް ތައްޔާރުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ތިނެއް ޖަހާކަށް ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރި ހާދިސާ އާއި ގުޅިގެން އެ ބޯޓު ފުރުން މަނާކޮށްފައިވާ ކަމަށާއި، ބޯޓާއި، ބޯޓުގެ ފަޅުވެރިންނަށް ފުރޭނީ ހާދިސާ އިން ލިބުނު ގެއްލުން އެނގުމުން ކަމަށް އެންވާރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއެވެ.

އަދި ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ދެނެގަނެވޭނީ ބޯޓު ސެލްވޭޖް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށް ވާއިރު ބޯޓު ރީފްލޯޓްކުރުމުގެ މަސައްކަތް ފަށާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ވެސް މިއަދު ވަނީ ހާމަކުރައްވާފައެވެ. ބޯޓު ސެލްވޭޖްކުރުމުގެ ކުރިން ބޯޓުގައި ހުރި ތެޔޮ ބޯޓުގެ މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ފަރަށާއި އެހެނިހެން ގޮތުން ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ ބޯޓު ސެލްވޭޖްކުރުމުން ކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބޯޓު ސަލާމަތް ކުރުމަށް ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށާއި ބޯޓަށް އެއްވެސް މައްސަލަ އެއް ދިމާވިކަން ވެސް އަދި ބޯޓު ފަރަށް އެރިކަން ވެސް ބޯޓުގެ ފަރާތުން ރިޕޯޓްކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.