ހިލަ ބަރުކޮށްގެން ދިޔަ އެމްޓީސީސީގެ ބާޖެއް ހދ. ކުމުންދޫ ނެރަށް އަރައިފިއެވެ.

ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އަންވަރު "ވަގުތަށް" ވިދާޅުވީ އެ ބާޖު ކުމުންދޫގެ ނެރަށް އަރާފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރު ކަމަށެވެ.

ބާޖު އަރާފައިވަނީ އެ ރަށުގައި އަލަށް ހަދަމުންދާ ނެރުނުގެ ފައި ކަށްޓަށް ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

"އެ ބާޖު އައީ އެ ނެރަށް ބޭނުންވާ ހިލަ ބަރުކޮށްގެން. މި ރަށުގެ ކަޑިންމަ ވަރަށް ގަދަވާނެ. ދެން އެ ބާޖު އައި ވަގުތުގައި އައި ކޮޅިގަނޑެއްގައި ނެރަށް އެރީ އަސްލު." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެ ވަރުގެ ބޮޑު ބާޖެއް ނެރަށް އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ބާޖު އަދިވެސް އޮތީ ނެރަށް އުރިފައިކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ އޭތި ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދުވަސްކޮޅަކީ ރާއްޖެއަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންދާ ދުވަސްކޮޅެކެވެ. ހާއްސްކޮށް މެދު ރާއްޖެ ތެރެއަށާއި އުތުރު އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރަމުން އެބަ ދެއެވެ.

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް މިއަދު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ރީނދޫ ސަމާލު ވެސް ނެރެފައެވެ.

ރީނދޫ ސަމާލުގައި ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރުގެ އަަތޮޅުތަކަށް އިއްޔެ ވެސް 55 މޭލަށް ވައި ގަދަވިއެވެ. އެހެންކަމުން އިއްޔެ އަކީ ވެސް ރެކޯޑް މިންވަރަކަށް އުތުރުގެ އަތޮޅުތަކަށް ވައި ޖެހުނު ދުވަހެކެވެ.