ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންގެންދާ ވެކްސިންގެ ތެރެއިން އުމުރުން 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ދެމުންގެންދާ ފައިޒާގެ ވެކްސިންގެ ދެވަނަ ޑޯޒް 11653 ދަރިވަރަކަށް ދީފިއެވެ.

ދަރިވަރުންނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ސެޕްޓެމްބަރު ހަ ވަނަ ދުވަހުއެވެ.

އެ މިނިސްޓްރީން އާއްމު ކުރި މައުލުމާތަށް ބަލާއިރު، މިހާތަނަށް ރާއްޖޭގެ 214 35152 ދަރިވަރަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 88 ސްކޫލެއްގެ 11653 ދަރިވަރަކަށް ދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ދަށުން 40،000 ދަރިވަރަކަށް ވެކްސިން ދެވޭނެ ކަމަށެވެ.

ކޮވިޑް ބަލި ރާއްޖޭގައި ފެތުރެން ފެށި ފަހުން، ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނީ އޮންލައިންކޮށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފައެވެ. މިހާރު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ދާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން އެކުލަވާލައިފައިވާ އުސޫލުތަކުގައި ބުނާގޮތުން މި މަހުން ފެށިގެން ސްކޫލުތަކަށް ވަދެ، ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 388،776 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 319،080 މީހުން ދެވަނަ ޑޯޒް ޖަހާފައިވެއެވެ.