ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދި ގުޅޭނެ ކަމަށް އެ ޕާޓީގެ މުއައްސިސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއަކީ މަޖިލީހުގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ނާޒިމް އިސްވެ އުފައްދަވާ ޕާޓީއެކެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާއިރު، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެކަން މިހާރު ވެސް ވަނީ އިއުލާންކޮށްފައެވެ.

އެ ޕާޓީއާ ގުޅިވަޑައިގަތް މަޖިލިސް މެންބަރުންނަކީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނާޒިމްގެ ގާތް އެކުވެރިޔެއް ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން މޮސްޓާއާއި ޖޭފޯއެވެ. އެހެންނަމަވެސް ހޯމަދުވަހުގެ ރޭ "ދިވެހި ޗެނަލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން މޮސްޓާ އާއި ޖެފޯ ވަނީ އެމްއެންޕީއަށް ފާޑުވިދާޅުވެ، އެޕާޓީއަށް ސޮއިކުރުން މަޑު ޖައްސާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު އެ ޕާޓީއިން ވަނީ 5000 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއި އެކު ޕާޓީ ރަޖިސްޓްރީކޮށް ދިނުމަށް އިލެކްޝަނަށް ހުށަހަޅުއްވައިފައެވެ.

ފޯމުތައް އީސީއާއި ހަވާލުކުރުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ނާޒިމް ވިދާޅުވީ ޖެފޯއާއި މޮސްޓާ ޕާޓީއަށް ސޮއިނުކޮށް މަޑު ޖައްސާލަން ނިންމެވި ނިންމެވުމަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދިި އެއްވެސް ރުޅިވެރިކަމެއް އެ ދެ މެމްބަރުންނާއި މެދު ނެތް ކަމަށެވެ.

"އެބޭފުޅުން ތިއްބެވި އިއްޔެވެސް، އެކަމަކު އެބޭފުޅުން ރޭގައި ނިންމެވީ ޕާޓީއާއި ދުރަށް ޖެހިލަން. އަޅުގަނޑު އުންމީދު ކުރަނީ އެބޭފުޅުން އަދި މިކަމުގެ ތެރެއަށް (އެމްއެންޕީއަށް) ވަދެވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑަކަށް އެނގިފައެއް ނެތް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތް ކަމެއް." ނާޒިމް ވިދާޅުވިއެވެ.

ޖެފޯއާއި މޮސްޓާ ވަނީ އާ ޒުވާނުންނަށް ފުރުސަތު ދޭނެ ކަމަށް ވަކާލާތު ކުރައްވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެއްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވެރިކަމަށް ކުރިމަތިލާކަން އިއުލާން ކުރުމުންނެވެ. އޭގެ އިތުރުން ނާޒިމް، ކުރީގެ ރައީސް ޔާމީނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވުމުން ވެސް ދެބޭފުޅުން ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަދަސދ

    ޑޯޒް ނުލިބި ލަސްވެގެން އެހެން ބުނީ. ދެމީހުންނަށްވެސް ރަނގަޅު ޑޯޒެއްދީބަލަ.

  2. ނާދިރާ

    އަގު މައްޗައް ޖައްސާލާ ސޮއެ ޖަހާލާނެ

  3. އަބުދު

    މޮސްޓާ މެންނައް އެނގެންވާނެ ޔާމީނާި ގާސިމް އައްނި މައުމޫނު ސާލިހު މީ އިސްލާހުނުވާނެ ގޯސް މީހުންކަން އެމީހުންގެ އަމަލްތައް ހުރިގޮތް ޓެކްސްޓް ފޮތްތަކުގަ ލިޔެގެން ކުޑަކުދިންނާ ޒުވާނުންނަށް ހާމަ ކޮއްދިނުމަކީ ކޮއްމެހެން ކުރަން ޖެހޭކަމެްކަން.

    • ބޮސް

      ތިޔަޕާޓީ ކިހާވަރަކުން ދާނެބާ؟ ބޮޑަށް ބެލެވެނީ ޗޮކުންހެން ދާނީ. ތަނެއް ދޮރެއް ނޭނގުނަސް އެންމެން ބޭނުންވަނީ ވެރިކަން. ޢިއްޒަތާއި ޝަރަފް.

  4. ނާއްކޮ

    އެމީހުން ބުނީ ބޭނުމެއް ނެތޭ. ދެން ކޮން ވާހަކައެއް ދައްކަން 🙄