ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި، އަބްދުﷲ ކަމާލުއްދީން އިސްވެ، އުފައްދަވާ ޕާޓީ ރަޖިސްޓްރޭޝަނަށް ހުށަހެޅޭ ވަރު ވާނީ ނޮވެމްބަރު މަހުގައި ކަމަށް ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ކަމާލުއްދީންއަށް ދީފައި ވަނީ 2 އޮގަސްޓު 2021 ގައެވެ. ޕާޓީއެއް އުފައްދަން ފުރަތަމަ ކަމާލުއްދީން ހުށަހެޅުއްވި ފޯމު ބާތިލުކުރީ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތުމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

"ވަގުތު" އިން ސުވާލުކުރުމުން ކަމާލުއްދީން ވިދާޅުވީ ޕާޓީއަށް މީހުން ސޮއިކުރުން ކޮންމެ ދުވަހެއްގައިވެސް ކުރިއަށް ދާ ކަމަށެވެ. އަދި ނޮވެމްބަރު މަހާއި ހަމައަށް 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ޕާޓީއާއި މިހާތަނަށް ގުޅިފައިވާ މީހުންގެ އަދަދު ހާމަކުރަން އަދި ދަތި ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވި ގޮތުގައި އޭނާ އިސްވެ އުފެއްދާ ޕާޓީއާ ގުޅޭ މީހުންގެ ވަނަވަރު ހާމަކުރަން ދަތީ ސަރުކާރުގެ ޕްރެޝަރު ބޮޑުކަމުންނެވެ. މިހާތަނަށް ގުޅުނު ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ޒިންމާދާރު އެކި މަގާމުތައް ފުރުއްވާ ބޭފުޅުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޕާޓީއަށް ސޮއި ކުރުން ކޮންމެ ދުވަހަކުވެސް އެބަ ކުރިއަށް ދޭ. މިހާތަނަށް ގުޅުނު މެމްބަރުންގެ ޖުމްލަ އަދަދު ހާމަކުރަން އަދި ޕާޓީގެ މެމްބަރުން ބޭނުމެއް ނުވޭ. އަދި ސަރުކާރުގެ ޕްރެޝަރު ބޮޑުކަމުން އެބޭފުޅުންގެ ވަނަވަރު ހާމަކުރަންވެސް ދަތި." ކަމާލުއްދީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޮވެމްބަރު 4 ވަނަ ދުވަހު ޕާޓީ ރަޖިސްޓްރީކޮށް ދިނުމަށް އެދި އީސީއަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިހާތަނަށް ސިޔާސީ މަޝްރަހުން މަޝްހޫރު އެއްވެސް ބޭފުޅެއް ޕާޓީއާއި ގުޅިވަޑައިގަނެފައި ނުވާ ކަމަށްވެއެވެ. އަދި މަޖިލީސް މެމްބަރެއްގެ އިތުރުން ކުރީގެ ވަޒީރުކަން އަދާކުރެއްވި އެއްވެސް ބޭފުޅެއްވެސް އެ ޕާޓީއަށް ސޮއި ނުކުރައްވާކަންވެސް ކަމާލުއްދީން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެއީ ކަންބޮޑުވުންތައް ހުރި އާންމުންގެ ޕާޓީއެއް ކަމަށެވެ.

އެ ޕާޓީއިންވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ކަމާލުއްދީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ޕާޓީގެ ޓިކެޓުގައި ނިކުންނާނެ ބޭފުޅެއް ކަނޑައަޅާނީ ވާދަވެރި ޕްރައިމެރީއަކަށް ފަހުގައިކަން ފާހަގަކުރެއެވެ.

ކަމާލުއްދީން ވިދާޅުވީ ޕްރައިމެރީގައި ވާދަކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމާއި މެދު ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ.

ކަމާލުއްދީން ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައި ވާއިރު މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް އަންނަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންުނެވެ. 5000 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއި އެކު އިއްޔަ ވަނީ ނާޒިމް އިސްވެ އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކޮށްދިނުމަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ހާދަ އަވަހޭ

 2. ހަ

  ކަމާލުއްދީން ދެން ރަނގަޅުވާނީ ކުރިން ހެން ގޭ ދޮރާށި ދޮށުގައި މުންޑު އަންނަވައިގެން ހުންނެވިއްޔާ ތިޔަ ކަމެއް ނުވާނެ ފޫނެއް ފަޔަށް ފެންފުރަން ކީއްތިޔަ ކުރައްވަނީ އިލްޔާސް ލާރި ކޮޅެއް ދެއްވީތޯ އެކަހަލަ ރޭވުމަކީ ވައްތަރީ ތިޔަ ޕާރޓީއަށް އިންތިހާބެއްގައި 2 ހާސް ވޯޓް ވެސް ނުލިބޭނެ

 3. ަލީ

  3000 މިންބަރުް ހަމަވާނެތޯ ؟؟؟؟؟؟؟؟؟؟؟؟؟؟؟

 4. ބަޑިނާޒިމް

  މުޙައްމަދު ނާޒިމް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށްފަހު ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ. މިޕާޓީއަކީ އޮޓޮމެޓިކްން ވެރިފައިކުމުން އޮންލައިންކޮށް ފޯމްފުރި ފުރަތަމަ ސިޔާސީޕާޓީއެވެ. މީގެ އިތުރުން މިޕާޓީއަކީ ރާއްޖޭގެ ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކަށް ބަލާއިރު މެމްބަރުން ދެވަނަ އަށް އެންމެ ގިނަޕާޓީއެވެ. މިޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ ނަގުދު 100000 މީހުންނާއެކުއެވެ. މީގެ ތެރޭން ގިނަމީހުންގެ އައިޑީކާޑާއި ސޮއިޔާއި ފިންގަރޕްރިންޓް ހޯދާފައިވާ ހޯމްމިނިސްޓްރީގެ ބެލުމުގެ ދަށުން ދިވެހިރައްޔިތެއްކަން އަންގައިދޭ ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކަމަށް ނުރަސްމީ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ހިންނަވަރު އިބްރާހީމް އަކީ 2023 ވަނައަހަރުގެ މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ބުނެވެއެވެ.

 5. ޜަނާ

  ކީކޭ ދެން ބުނާނީ. ޖެހޭތަ ކޮންމެހެން ޕާރޓީ އެއް ރަޖިިސްޓަރީ ކުރަން. އަޅެ ފަހެ އުމުރުން ދުވަސްވީ ދުވަހު މައިތިރި ވެގެން ހުރެވޭތޯ ބަލާބަލަ.
  ފައިސާ ލިބޭނެ ގޮތްތައް ތިބާއަށް އެބަ އޮތް ވިއްޔަ

 6. ހުއްޓާލަބަލަ

  މައުމޫން ޒަމާނުގައި ލިބުނު ލާރިކޮޅު ހުސްވީ ދެއްތޯ، ކޯލިޝަން ހަދަން ، ސަރުކާރުން ކާންވެގެން ހަދާ ޕާޓީތަކެއް ތީ!!