ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ވެބް އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކޯޓު އުފެދުނު ފަހުން މިހާތަނަށް ނިންމި ހުރިހާ ނިންމުންތަކެއް ބެލޭނެ ގޮތަށް ކޭސް ރިޕޯޓާ އެޕްލިކޭޝަނެއް ތަރައްގީ ކުރުމަށްފަހު އެތެރޭގެ ބޭނުންތަކަށް އެ އެެޕްލިކޭޝަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެން ދާއިރު، ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް އެ އެޕްލިކޭޝަން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައިވަނީ އެ އެޕްލިކޭޝަން ތަރައްގީކުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެހީއާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ ސުޕްރީމް ކޯޓުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރަން ކުރާ މަަސައްކަތުގެ ދަށުން ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އެއް އަހަރު ތެރޭގައި 225 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެ މުއްދަތުގައި 369 އަޑުއެހުމެއް ބޭއްވި އަދި 90 މައްސަލައެއް ނިންމާފައިވާ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    ސްޕްރީމްކޯޓަށް ލިބިފައިވާ ބާރުވެރިކަމާއި މުސާރައިގެ ތަފާތުތަކާއި ވަސީލަތްތަކުގެ ގިނަކަމަށްބަލާއިރު މައްސަލަތައް ނިންމޭމިންވަރު ވަރަށްމަދު. ހުރިހާ މަސައްކަތެއް ދަށުކޯޓުތަކަށް އެވަރުންވެސް ނިންމުން ވަރަށްމަދު.