ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އެއްވެސް ހަމަ ނުޖެހުމެއް ހިންގާފައި ނުވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ފިޔަވަތިން ކުއްޖަކު އެނދެއްގައި ނެރެ އެމްބިއުލާންސްއަށް ލާ މަންޒަރު ފެންނަ ވީޑިއޯއެއް "އެމްވީ ކްރައިސިސްގައި އާންމުވެފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެވީޑިއޯއިން ފެނިގެން ދަނީ ކުޑަ ކުއްޖަކު އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރެވެ. އެ ވީޑިއޯ ސޯސަލް މީޑިއާގައި ހިއްސާކުރި މީހާ ވަނީ ފިޔަވަތީގައި "ރަޔަޓެއް" ހޫނުވެ ކުޑަކުއްޖަކު އިމަޖެންސީގައި އިތުރު ފަރުވާއަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

އެކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ކުރި ޓުވިޓެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް “ރަޔަޓެއް” ހިންގާފައި ނުވާ ކަމަށާއި ވީޑިއޯއިން ފެންނަ އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދާ ކުއްޖެއް ކަމަށެވެ.

އަދި ކުދިންނާއި ގުޅޭ އެފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަ ކުރާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެއްވުމަށް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އިއްޔެ ހަވީރުން ފެށިގެން އެ ތަނުގެ ކުދިން އެ ތަނުގެ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށް ހަދާފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނަނީ އެ ކުދިން އަބަދުވެސް ފުރަޅާށް އަރާ ހިތްވާތީ އެ ފުރުސަތު އަބަދުވެސް ދޭ ކަމަށެވެ. އެކަމަކު މީހުން ކައިރިއަށް އައިސް އެ ކުދިންނާ ދިމާއަށް ބަލާތީ "ޓްރިގާ" ވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ފިޔަވަތީގެ ޖާގައަށް ވުރެ ގިނަ އަދަދެއްގެ ކުދިން އެ ތަނުގައި ބަހައްޓާފައިވާއިރު، އެކަށޭނަ އަދަދަށް މުވައްޒަފުން ވެސް ނެތެވެ. އަދި އެތައް މައްސަލައެއް އެ ތަނުން ފާހަގަވެގެން އެބަ ދެއެވެ.

ފިޔަވަތީގައި ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވެސް ވަނީ އެތަނަށް ޒިޔާރަތް ކުރައްވާ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.