އަފްޣާނިސްތާންގައި އުފައްދާފައިވާ ތާލިބާންގެ ވަގުތީ ސަރުކާރު ބަލައިގަނެ، ފުރުސަތު ދިނުމާ މެދުގައި ހިޔާލު ތަފާތުވެ މިހާރު ކުރިއަށްދާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުމަށް ތާވަލުކުރި ސާކްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ސާކްގެ މެމްބަރު ގައުމުތަކަކީ ރާއްޖެ، އިންޑިއާ، ޕާކިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ސްރީލަންކާ އަދި ނޭޕާލްއެވެ. ކޮންމެ އަހަރެއްގައި އދ. ގެ ބައްދަލުވުންތައް ބާއްވާ އިރު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވައެވެ.

ނަމަވެސް ސާކްގެ ސެކްރެޓޭރިއެޓުން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ފޮނުވި ސިޓީއެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލް ކުރީ ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ބައްދަލުވުން ކެންސަލް ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ޕާކިސްތާނުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެއީ މިދިޔަ މަހު އަފްޣާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންގެ ސަރުކާރަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ޕާކިސްތާނުން އެދުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި ރޭ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދެކުނު އޭޝިޔާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން "އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ" ކަމަށެވެ. އަދި "އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން" ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަފްޣާނިސްތާންގައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އޮންނަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަފްޣާނުގައި ތާލިބާނުން ވެރިކަން ކުރަމުންދަނިކޮށް 2001 ވަނަ އަހަރު އެ ގައުމުގެ ވެރިކަން ވައްޓާލީ އެމެރިކާއިން އެ ގައުމަށް އަރައެވެ. އެ ގައުމުގައި ހަނގުރާމަ ހިނގަމުންދާތާ 20 އަހަރު ފަހުން އެމެރިކާ ސިފައިން ވަނީ އަފްޣާނުން ފައިބަން ފަށައިފައެވެ. އެއާއެކު ތާލިބާނުން އަފްޣާނަށް ވެރިވެގަތްތަން ފެނިގެންދިޔައެވެ. އަދި ބޮޑެތި ހުރިހާ ސިޓީއެއް އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.