އެކުވެރި އަރަބި ދައުލަތުގައި މާސްކު އެޅުން މަޖުބޫރު ނުވާގޮތް ހަދައި އެކަން އިއުލާން ކޮށްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އެޅުން ދުނިޔޭގެ ހުރިހާ ޤައުމުތަކުން މަޖުބޫރު ކޮށްފައިވެއެވެ. ނަމަވެސް ކޮވިޑުން ދިފާއު ވުމަށް ވެކްސިން އުފައްދައި ވެކްސިން ޑޯޒްތައް ހަމަކުރާ ބައެއް ޤައުމުތަކުގައި މާސްކު އެޅުން މަޖުބޫރުކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަމުންދާއިރު ޔޫއޭއީ އިންވެސް ވަނީ މާސްކު ނާޅާ އުޅެވޭ ގޮތަށް ހަދައިފައެވެ.

ޔޫއޭއީގެ ނެޝަނަލް އެމެޖެންސީ ކްރައިސެސް އެންޑް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންސީއީއެމްއޭ) އިން ބުނީ އާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށް އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެއްވެއުޅޭއުރު ގައިދުރުކަން އިސްކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އެ ގައުމުގައި ކަސްރަތުކުރުމަށް ދާއިރު މާސްކު އެޅުން މަޖުބޫރު ނުވާއިރު އާއިލާއާއި އެކު އަމިއްލަ ދުއްވާ އުޅަނދެއްގައި ދަތުރުކުރާނަމަވެސް މާސްކު އެޅުން މަޖުބޫރު ނުވާނެއެވެ. ސުއިމިން ޕޫލްތަކުގައި އާއި ގަވާއިދުން މޫދަށް ދާ ފަރާތްތަކުންވެސް މާސްކު އެޅުން މަޖުބޫރު ނުވާނެ އެވެ.

ކޮވިޑުން ދިފާއު ވުމަށް އުފައްދާފައިވާ ވެކްސިން ޖެހި އިންސައްތަ އެންމެ ގިނައީ ޔޫއޭއީ ކަމަށްވާއިރު އެޤައުމުން ވެކްސިން ޖެހި ފަރާތްތަކުގެ އަދަދު ވަނީ 100 އިންސައްތަ އާއި ކައިރިކޮށްފައެވެ.

ޔޫއޭއީ ސަރުކާރުން ބުނީ މާސްކު ނާޅައި އުޅެވޭ ސަރަހައްދުތަކުގައި ނިޝާންތައް ބަހައްޓާނެ ކަމަށެވެ. އެގައުމަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ ޤައުމަކަށްވާއިރު ސަރުކާރުން ދިން ލުޔާއި އެކު ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.