ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ސަލާމަތްވުމާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކިޔައިފިއެވެ.

ދިވެހިންގެ ބަޔަކު އަޑީގައި ތިބެ، ތަމަޅައިންގެ ބަޔަކު މާލެ އަރައި ދިން ނުރައްކާތެރި ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވިއެވެ. މިއީ، ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ދިން އެންމެ ވަރުގަދަ އުދުވާނީ ހަމަލާއެވެ. ތަމަޅައިން މާލެ އަރައި ބޭނުން ކުރި ހަތިޔާރަކީ އޭރު ލިބެން ހުރި އެންމެ ވަރުގަދަ ހަތިޔާރެވެ. އެކަމަކު، ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި ނުކުތް ސިފައިން ވަނީ އެ ބާޣީން ބަލިކޮށް ނަސްރު ހޯދައިފައެވެ.

އިންޑިއާ ސިފައިން މާލޭގައި ފޯރިމަރަނީ. --- ފޮޓޯ: މިހާރު

އެ ދުވަހު ދިވެހި ސިފައިންނަށް އެހީތެރިވެދިން އެއް ބަޔަކީ އަވަށްޓެރި އިންޑިއާއެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް އިންޑިއާ ސިފައިން ރާއްޖެ އަށް ގިނަ އެހީތަކެއް ވިއެވެ. އިންޑިއާ ސިފައިންވި އެންމެ ބޮޑު އެއް އެހީއަކީ ފިލައިގެން ރާއްޖެ ދާން އުޅުނު ތަމަޅައިން ހޯދައި، ރަހީނު ކުރި މީހުން ސަލާމަތް ކުރުމެވެ. އެކަން ހިނގި ފަހުން އިންޑިއާ ސިފައިން އަހަރެއްހާ ދުވަހު ރާއްޖޭގައި މަޑުކުރިއެވެ.

އިންޑިއާ އެމްބަސީން ކުރި ޓުވީޓެއްގައި ވަނީ ނޮވެމްބަރު 3 ގައި ހިނގައިދިޔަ ކަންކަމުގެ ސަބަބުން ހަނދާނަށް އަންނަނީ ގައުމުތަކުގެ ސަލާމަތަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެ، ސުލްހަވެރިކަމާއި އަމާންކަން ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެ ދުވަހު އިންޑިއާ އިން ވަނީ އޮޕަރޭޝަން "ކެކްޓަސް" ނަމުގައި އޮޕަރޭޝަނެއް ހިންގައިފައެވެ. އޮޕަރޭޝަންގެ މަގްސަދަކަށްވީ ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ދިފާއުވުމަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖެ އަނބުރާ ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ރުޖޫއަ ކުރަމެވެ. އިންޑިއާ އިން ވި އެހީތެރިކަން ފާހަގަކޮށް މައުމޫން އޭރު ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި އިންޑިއާ ސިފައިން ދައްކުވައި ދިނީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަން ޖެހޭ ރައްކާތެރިކަމާއި އެއްބާރުލުމުގެ ލާމަސީލް މިސާލެއް ކަމަށެވެ.

މަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ކަނޑުމަތިން ދަނިކޮށް އޭނާ ހައްޔަރުކޮށްގެން މާލޭ ގެންނަނީ. --- ފޮޓޯ: މިހާރު

ނޮވެމްބަރު ތިނެއްގައި ރާއްޖެ އަށް ހަމަލާދޭން ފެށުމާއެކު ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާގެ 1،600 ސިފައިން އިންޑިއާގެ އާގްރާއިން ރާއްޖެ އަށް ދަތުރު ފެށިއެވެ. އަދި ހުޅުލޭ އެއާޕޯޓު އިންޑިއާ ސިފައިން ހިފައި، ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް އަނބުރާ ރުޖޫއަކޮށްދިނެވެ.

އަދި އިންޑިއާ ނޭވީގެ ދެ މަނަވަރު ކަމަށްވާ އައިއެންއެސް ގޮދާވަރީ އަދި އައިއެންސް ބެޓްވާ ނިރުބަވެރިން ރަހީންކޮށްފައިވާ ޕްރޮގްރެސް ލައިޓް ހިފަހައްޓައި ރަހީންކޮށްފައި ތިބި މީހުން ސަލާމަތްކުރިއެވެ. ނިރުބަވެރިން ފިލުމަށް އިންޑިއާ ސިފައިން ހުރަސް އެޅުމުގެ ނަތީޖާއެއްގެ ގޮތުން ނޮވެމްބަރު ފަސް ވަނަ ދުވަހު ފަތިހު ނިރުބަވެރިން ވަނީ އަމާން ދީފައެވެ.

އިންޑިއާ އިން ދިން އަވަސް އިޖާބަ އަށް ބައިނަލްއަގުވާމީ ދުނިޔެ އިން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރީގަން އާއި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗާ ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާގެ 1،600 ސިފައިންނާއެކު ފެށި އޮޕަރޭޝަން ފަހުން 800 ސިފައިންނަށް މަދު ކުރިއެވެ. އަދި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ ސިފައިން މާލޭގައި ފޯރިމަރަމުން ދިޔައެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ސެކިއުރިޓީ ކަށަވަރުކޮށް ދިނުމަށް ފަހު ރާއްޖެ ދޫކޮށް ދިޔައީ އެއް އަހަރު ފަހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކަލޭމެން އެކަމުގެ މުގުލުގަވެސް އަނެއްކޮޅުގަވެސް

    7
    1
  2. ރައްދު

    1988 ނޮވެމބަ ރ 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ
    މޭސްތި ރިޔާ، ބޭ ރުގައުމެއްގައިހު ރި ދިވެހި އެންބަސީގައި
    ފޮ ރުވައިގެން ގެންގުޅުނު މައްސަލަބަލައި ފިޔަވަޅު އެޅުމަށް މުއައްސަސާ ތަކަށް ގޮވާލަމެވެ.

    9
    1
  3. ކޮއްޔާ

    އިންޑިޔާ އަށް ޝުކުރިއްޔާ // މިލޮބުވެތި ވަތަން މިނިވަންކަން މަތީއަބަދަށް //.

    3
    1
  4. ނޮވެމބަ

    އިންޑިޔާ އައުޓް ނުގޮވާ ތެންކިއު އިންޑިޔާ ގޮވާ

    2
    1