އދ.ގެ ތިމާވެށީގެ ބައްދަލުވުން ކޮޕް-26ގައި އެއްބަސްވި ކަންތައްތައް ވިލަރެސްކުރުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ އެންވަޔަރްމެންޓް އެންޑް ކްލަައިމެޓް ޗޭންގް މިނިސްޓަރ އައިމިނަތު ޝައުނާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޕް އެޖެންޑާގެ ދަށުން އެޑަޕްޓޭޝަން އާ ބެހޭގޮތުން ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅަކަށް މިނިސްޓަރ ޝައުނާ އައްޔަން ކުރައްވާފައިވާ ކަމަށެެވެ. އަދި މި ޒިންމާ ޝައުނާ އާއި ހަވާލުކުރެއްވީ ކޮޕް26ގެ ރައީސް މިސްޓަރ އަލޯކް ޝަރްމާ ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.

ޕެރިސް އެގްރީމަންޓުގެ ދަށުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގައުމީ އެކްޝަން ޕްލޭންތައް ކޮޕް26 ގައި ހިމެނޭ ގޮތަށް އަޕްޑޭޓް ކުރަން ގައުމުތަކަށް ލާޒިމްކުރެއެވެ. މި އަހަރަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުން އުއްމީދީ ލަނޑުދަނޑިތަކެއް ހާސިލްކުރާނެ އަހަރެކެވެ. މިކަންތައްތަކަށް ކިޔަނީ ގައުމީ ފެންވަރުގައި ކަނޑައެޅިފައިވާ ކޮންޓްރިބިއުޝަންސް، ނުވަތަ އެންޑީސީއެވެ.

ކޮޕް26 ގެ މައިގަނޑު އެއް އަމާޒަކީ މި ގަރުނުގެ މެދުތެރޭގައި ނެޓް ޒީރޯ ކާބަން އެމިޝަންސް އަށް ވާސިލްވުމެވެ. އަނެއް އަމާޒަކީ، ސާފު ހަކަތައަށް ބަދަލުވުމަށް ފަގީރު ގައުމުތަކަށް އެހީތެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް މާލީ އެހީ ހޯދުމެވެ.

މީގެ އިތުރުން ދެހާސް ތޭވީސް ވަނަ އަހަރު ނިމުމުގެ ކުރިން ޖަންގަލިތައް ހަލާކުވެގެން ދިއުން ހުއްޓުވައި، އެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން ވައުދުވެފައިވެއެވެ.