ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާ ފަދަ ގައުމުތަކުގެ އިގްތިސާދު އަރާސްތު ކުރަން ބައިނަލްއަގްވާމީ އެހީއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ މިރޯ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރި ކަމަށްވާ އިރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ކޮވިޑްގެ ބަލިިމަޑުކަމުގެ ކުރިން އޮތް ހާލަތަށް ދިއުމަށް އަދިވެސް ދިގު ރާސްތާއެއް ކަޑައްތު ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަށް ގެންދިޔުމަށާއި އިގްތިސާދު ރަނގަޅު ކުރުމަށާއި، ދަރަނި މާފު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމަށް ސްރީލަންކާ އާއި ރާއްޖެ ފަދަ ގައުމުތަކަށް އިތުރު މާލީ ވަސީލަތްތައް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.

"ރާއްޖެ އާއި ސްރީލަންކާ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑު ގޮވާލަން" ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖެއެކޭ އެއްގޮތަށް ލަންކާގެ އިގްތިސާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ސިނާއަތްތަކަށްވެސް އޭގެ އަސަރު ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. އަސާސީ ހިދުމަތްތަކާއި މުދަލުގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ.

ލަންކާގެ ބޮޑުވަޒީރުގެ އަރިހަަށް ކުރެއްވި ޒިޔާރަރުގައި މެހެމާނުންގެ ފޮތުގައި ރައީސް ލިޔުއްވަނީ

ދެ ސަރުކާރުގެ ގުޅުމާ ބެހޭ ގޮތުން ރައިސް ވިދާޅުވީ ލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަގެ ސަރުކާރާއެކު ރާއްޖެއިން އަބަދުވެސް ގުޅުން ބަދަހިކުރާނެ ކަމަށެވެ. ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއާއި ލަންކާ އާޢޮ އިންޑިއާއާ ދެމެދުގައި ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ތިންބާރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ސަބަބުން، ކަނޑުފޭރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯންތައް (އީއީޒެޑް) ބެލެހެއްޓުމުގައި ތިން ގައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް، އަވަށްޓެރިންނާއި ބައިނަލްއަގްވާމީ އެކުވެރި ގައުމުތަކާ ގުޅިގެން ރާއްޖޭގެ އިންޓެލިޖެންސްގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

"އިންޓެލިޖެންސް ގާބިލުކަން އިތުރުކޮށްގެން ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން، ވަރުގަދަކުރަމުން އެބަގެންދަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާވެސް ބައްދަލުކުރައްވާ މަޝްވަރާތަައް ކުރެއްވިއެވެ.