މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ބައެއް ބިންތަކުން ކުލީގެ ގޮތުގައި ލިބެން ޖެހޭ 77 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ކައުންސިލުން އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އަށް ކުއްޔަށް ދީފައި ހުރި އެކިއެކި ސައިޒްގެ ބިންތަކެއް ހުންނާނެ ކަމަށެވެ. މާލޭގައި ހުރި އެ ބިންތަކަށް 2017 ވަނަ އަހަރުގެ ވަކި ހިސާބަކާ ޖެހެންސިޓީ ކައުންސިލަށް ކުލި ދައްކާފައި ހުރި ކަމަށް ވިދާޅުވިއެވެ.
"ދެން އެ ހިސާބުން ފެށިގެން ހުއްޓާލި ގޮތަކަށް ނުދައްކާ ކުއްޔެއް" މުއިއްޒު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު، ދިވެހި ރައްޔިތުންގެ ފައިސާ، ދައުލަތުގެ ފައިސާ، މާލޭގެ ރައްޔިތުންގެ ފައިސާ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ދައްކަން ޖެހެނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯ އިން 60 ވަރަކަށް މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ އިރު، އެމްޑަބްލިއުއެސްސީން ދައްކަން ޖެހޭނީ ނިސްބަތުން ކުޑަ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ އެ އަދަދަކީ މާލޭގެ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ، އެ ރުފިޔާ މާލެ ސިޓީ ކައުންސިލަށް ވަންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލަށް ލިބެން ޖެހޭ ފައިސާތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން ފަރާތްތަކާ މަޝްވަރާ ކުރައްވައި މާލޭގެ ރައްޔިތުންގެ ހައްގު ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފައިސާ ލިބިއްޖެ ނަމަ، އެއީ ވަރަށް ގިނަ ހިދުމަތްތަކެއް އަޅުގަނޑުމެންނަށް ކުރުމަށް ލިބޭ ބާރަކަށް ވާނެ. އެއީ ދައުލަތުން އެ ދަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ވަކި އަދަދެއް. އެއީ ބޮޑަށް އިދާރީ ހަރަދުތަކަށްދޭ އަދަދުތަކެއް. އެކަމަކު މިގޮތަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިން ދެން ހުރި ކަންކަން ބަޖެޓުކޮށްގެން ކުރަން އޮންނަނީ ގާނޫނީ ނިޒާމުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގައި" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށްޓަކައި މި ފައިސާ ދެ ކުންފުނިން ދޫކުރަން ޖެހެއެވެ. މި މައްސަލައަކީ ހަތަރު ވަރަކަށް އަހަރުވެފައިވާ މައްސަލައަކަށްވާތީ މިކަން އެއް ދުވަހުން ނުވަތަ ދެ ދުވަހުން ނުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން އެ ފައިސާ ހޯދަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އާންމުންނާއި ވިޔަފާރިތަކަށް ވެސް ދޫކޮށްފައި ހުރި ބައެއް ބިންތަކުން ވެސް ކުލި ލިބިފައި ނުވާ ކަމަށެވެ. އެ ފައިސާތައް ވެސް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ބައެއް ކޭސްތަކުގައި ކޯޓަށް ވެސް ދާން ޖެހިދާނެ. އެކަމަކު އެ ހިސާބަށް ނުގޮސް ހައްލު ކުރެވޭނެ ހެން ހީވަނީ" މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ކުންފުނިތަކުން ދައްކަން ޖެހޭ ކުލިތައް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައެވެ. އެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ.
ތަންރަން ހުސް ކުރަން ވީ އެވެ.
ބަލަ އޭރު ވެރިކަމުގަ ތިބެ ސިޓީ ކައުންސިލަށް ޖެއްސުން ކުރަން ކުރި ކަމެއްނު އެއީ. ހުންނަ މުނާފިގުކަން
ރައްޔިތުންގެ ތެރޭން ބައެއް މީހުންނަށް ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓް ބިލް ނުދެއްކުނީމާ ސްޓެލްކޯގެ މުއައްޒަފަކު ފޮނުވައިގެން ކަރަންޓް ކަނޑައިލެވެއެވެ. މާލޭ ސިޓީ ކައުންސިލަކަށް ނެތްތޯ ސްޓެލަކޯ އާމެދު މިކަހަލަ ހަރުކަށި ފިޔަވަޅެއް އެޅޭކަށް؟ ރައްޔިތުންގެ ނަމުގައި ސަބްސިޑީ އާއި ލޯން ހޯދައިގެން އުޅޭ ސްޓެލްކޯގެ ވެރިންނަށް މިކަން އެގޭބާވައެވެ.
އެމްޑީފީމީހުން ތިބިއިރު ތިތަނަށް ތިތަނަށް ލިބެންވީ ބައިވަރުތައް ޖީބަށް އަޅައިގެން ދިޔައިރު ޔިޔުންތައް އަންދާލީއެވެ