އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ވިސްނުން ދައުލަތުން ނުގެންގުޅޭ ކަން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ޕާސްޕޯޓްގެ މުއްދަތު އޮތީ ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނުދިނެވެ.

ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވި ގޮތުގައި، އެ އަމުރު ދެން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޖެހޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް ނުނިންމަވާ ކަމަށް ވެސް ޝަފީއު ފާހަގަ ކުރެއްވިއެވެ. ޕާސްޕޯޓް އަމުރުތައް އިސްތިއުނާފް ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތަކީ 48 ގަޑިއިރު ކަމުން އެ މުއްދަތުގެ ތެރޭގައި ވަކި ގޮތެއް ނިންމުމަށް ފަހު ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"[ރައީސް ޔާމީންގެ ޕާސްޕޯޓްއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރު] ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަކަށް ނުއެއް ބެލެވޭ، އެކަމަކު އަދި ވަކި ގޮތެއް ނުވެސް ނިންމަން،" ޝަފީއު ވިދާޅުވިއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައަކީ، ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ 1.1 މިލިއަން ޑޮލަރު ރައީސް ޔާމީން ލޯންޑަ ކުރި ކަމަށް ބުނާ މައްސަލައެވެ. މި މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.

ދައުލަތުން ވިދާޅުވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. ކުރިން އެ ގޮތަށް އެދިވަޑައިނުގަތީ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އެދިވަޑައިގަތުމުގެ ސަބަބެއް ނެތުމުން ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

އެކަމަކު ރައީސް ޔާމީނަށް ފައިސާ ޖަމާވި ސްލިޕްއާއި، އެސްއޯއެފްގެ ސްލިޕް ނަންބަރާ ދިމާނުވެ، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ކަށަވަރު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީއެވެ.

ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގެ އިތުރުން ވ. އާރަށް ދޫކޮށް ދައުލަތަށް ޚިޔާނާތްތެރިވި މައްސަލާގައި ވެސް ޔާމީންގެ މައްޗަށްދައުވާ އުފުލާފައިވެއެވެ. މި ތުހުމަތުތަކަށް ޔާމީން އިންކާރު ކުރައްވައެވެ.

އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުން ވެސް ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ "ސިޔާސީ ދައުވާތަކެއް" ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މ ޢަބްދު ﷲ

  ރައީސް ޔާމީންގެ ޕާސްޕޯޓް އަމުރު އިސްތިއުނާފް ކުރާނެ ކަމަކަށް ނުބެލެވޭ

  14 މިނެޓް ކުރިން ( ޑިސެމްބަރު 7, 2021 )

  އަޅެދެން މިވަރު ބޮޑެތި ބޮނޑި ސަރުކާރަށް ދޭހެވެއް ނުވާނެއެއްނު . މިހާރުނެސް މިއޮތީ

  ފަލީހަތްވެފައޮތް ވަރު އަނެއް އޭގެމައްޗަށް ތިޖެހީ އަނެއް ބޮނޑި . ކަލޭމެނަށްވާ

  އަށްސަރި ބަހުން ސާބަސް.

  India out # India out # India out #
  India out # India out # India out #
  India out # India out # India out #

 2. އުންސުރު

  ދައުލަތް ބޭޒާރުވެ ނިމިއްޖެ އަމާބުނީތީ ފަރަށްދާ ދައުލަތެއް މަކަރު ހަދަންވެސް ނުދަންނަ ދައުލަތެއް ސިކުނޑި މަރުވެފައިވާ ދައުލަތެއް .

 3. Happy 123

  ދުނިޔެއިން ކުޜިކުށަށް އަދަބު ނުކިބުނސަް އާހިރަތުގައި ލިބޭނެ!