ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަންނަ ބުދަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހަސީނާ ރާއްޖެ ވަޑައިގަންނަވާ އިރު، ރަސްމީ ބައި ނިންމަވާލެއްވުމަށް ފަހު އެކަމަނާ ރާއްޖޭގައި ބޮޑު ޗުއްޓީއެއް ހޭދަ ކުރައްވާނެއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ޑޮކްޓަރުން ރާއްޖެ ގެނައުމާ ގުޅޭ ރަސްމީ އެއްބަސްވުމެއްގައި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދުގައި ސޮއިކުރާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ކްލިނިކަލް ސްޕެޝަލިސްޓުންނާއި ދަތުގެ އޮޕަރޭޝަންތައް ކުރުމަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުންނާއި އެކި ކަންކަމާ ބެހޭ މާހިރުން ގެންނާނެއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. އޭގެ ތެރޭގައި އިގްތިސާދީ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.

މިދިޔަ މާޗު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ގައުމަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހު ފަހުކޮޅު ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ ގައުމަށް ވަޑައިގެން ހަސީނާއާ ބައްދަލު ކުރެއްވިއެވެ.

ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާ އިރު، ބަންގްލަދޭޝް އިން ރާއްޖެ އަށް 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށް ވަނީ ނިންމައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަސީނާގެ މި ދަތުރުފުޅުގެ ތެރެއިން ރަސްމީ ކަންކަން ނިންމާލުމަށްފަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާ އިރު، އާ އަހަރު ވެސް އެކަމަނާ ފާހަގަ ކުރައްވާނީ ރާއްޖޭގައެވެ. އެކަމަނާ ހުންނަވާނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގައެވެ.