ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރައަށް ނުރަނގަޅު އަސަރުކުރި މީހުންގެ ތެރެއިން 22،946 މީހަކަށް އިންކަމް އެލަވެންސް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މިނިސްޓްރީން ވިދާޅުވީ އިންކަމް އެލަވެންސްގެ ގޮތުގައި މިހާތަނަށް 421 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެއެވެ.

މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަހުގީގު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.

އެލަވަންސްއަށް ޝަރުތު ހަމަނުވާ 217 މީހަކަށް އެލަވަންސް ދެވިފައިި ވާތީ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައި ވަނީ އެލަވަންސަށް އެދޭ ފަރާތްތަކުން އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށްވެއެވެ. އަދި އޭރު އެކަން ކަށަވަރު ނުވީ، 2020 ޑިސެމްބަރުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއާ ޕެންޝަން އޮފީހުގެ ސިސްޓަމްތަކާ ގުޅާލާފައި ނުވާތީ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އެލެވެންސްއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ނަގުދު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރު ނުކުރެވޭނެއެވެ. އެހެންކަމުން މާލީ ނިޒާމުގެ ތެރެއަށް ނުވަންނަ މިފަދަ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން މި އެލެވެންސްއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.