ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުނުކޮށް، ސަރުކާރުގެ އަމަލުތައް ހުރި ގޮތާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ސަރުކާރަށް ފާޑުކިޔާފައި ބަޔާނެއް ނެރެފިއެވެ.

އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި، މި އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އަމަލު ކުރަމުންދާ ގޮތާއި މެދު ފާޑުކިޔާފައިވެއެވެ. އަދި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފު އެ އަމަލުތަކަށް ފިޔަވަޅު އަޅަން ގޮވާލާފައިވެއެވެ.

އިންތިޚާބުތަކުގެ ގާނޫނާއި ޚިލާފު އެތައް ކަމެއް މީޑިއާގައި ފެންމަތިވަމުން އަންނަ ކަން ފާހަގަކޮށް، އެންމެ ފުރަތަމަ ކަމަކަށް އެ ބަޔާނުގައި ފާހަގަ ކޮށްފައި އޮތް ކަމަކީ އިންތިޚާބާއި ދިމާކޮށް، އެ ދާއިރާގައި ސަރުކާރުން މަޝްރޫއުތަކެއް ފެށުމެވެ.

މީގެ އިތުރުން، ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ ދޫކުރުމާއި ލޯނު ދޫކުރުމާއި ހައްޖާއި އުމްރާ ދަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ ވައުދުތައް ބައެއް ކެންޑިޑޭޓުން ހުށަހަޅާ ކަން ވެސް އެމްއާރުއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިފަދަ ގިނަ ވައުދުތަކެއް އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އިއުލާން ކުރި ވައުދުނާމާގައި ވެސް ވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އިސްވެ އުފައްދަވާފައިވާ އެމްއާރުއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެ ކަންކަމަކީ އިންތިޚާބީ ގާނޫނާއި ޚިލާފު ކަމެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރާއި ވެސް ފުށު އަރާ ކަންކަމެވެ.

މިފަދަ އަމަލުތައް އެއްވެސް ސިޔާސީ ޕާޓީއަކުން ނުކުރުމަށާއި، މިފަދަ ވައުދުތަކަށް ރައްޔިތުން ވޯޓު ނުދޭން ވެސް އެމްއާރުއެމް އިން ގޮވާލާފައިވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި އިންސާފުވެރި އިންތިޚާބެއް ކަށަވަރު ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޕާޓީން ގޮވާލާފައިވެއެވެ.

އެމްއާރުއެމްގެ މި ބަޔާނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަވެގެން ދާއިރު، ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކޮށްފައެވެ. އަދާލަތު ޕާޓީން ގޮތެއް ނިންމަނީ މިއަދު ހަވީރު ކުރިއަށްދާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނާއި ދިމާކޮށް ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ވަނީ އިއުލާންކޮށްފައެވެ. އެއިން ގިނަ މަޝްރޫއުތަކަކީ މި އަހަރުގެ ބަޖެޓްގައި ވެސް ހިމާނާފައި ނުވާ މަޝްރޫއުތަކެކެވެ.

ކޮމަންޑޫ ކައިރީ އޮންނަ ފަޅުރަށް، މަތިކޮމަންޑޫގެ ފަޅުން ބޮޑު ބައެއް ހިއްކައި ބްރިޖްއަކުން ދެ ރަށް ގުޅާލަން ވަނީ ހަވާލުކޮށްފައެވެ. މަރޮށީގެ ބަނދަރު ތަރައްގީ ކުރުމާއި ކޮމަންޑޫ ދާއިރާ ކައިރިން ތިން ރަށެއް ރިސޯޓް ހަދަން ވެސް އިއުލާން ކުރިއެވެ. އަދި 10 އަހަރު ފަހުން ފޯކައިދޫން ގޯތި ދޫކުރަން އިއުލާން ކޮށްފައިވެއެވެ.

މިއީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަމުގެ ގޮތުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ޓްރާންސްޕޭރެންސީ ފަދަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ބުއްޅަ ހުއްތު

  ކޮޅު ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފެށީ.

  64
  2
 2. ބީޖީ

  މެމްބަރު ނިޔާވުމަކީ ދާއިރާއަށް ކަންކަން ވާންއޮތް ހަމައެކަނި ގޮތް ކަމަށް މިއޮތީ ސަރުކާރުންވެސް ގަބޫލުކޮށްފަ.

  59
 3. ކުރުސީ

  ކަޅުފޮށީގަ ހުރި ލާރިކޮޅު ހުސްވީ އުތަ؟!

  46
  3
 4. އަމީރު

  ސުރުޚީއާއި ޚަބަރާ އެއްވެސް ވަރަކަށް ގުޅުން އެބަހުރިބާ. އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރާއިރު ހަމައެކަނި އެމްޑީޕީ ވާހަކަ ގެނައުމުގެ ބޭނުމަކީ ކޮބާ؟؟ .

  31
  6
 5. ދަރަނި ދަންތުރަ

  މި ސަރުކާރު ހޭވެރިވަނީ ދާއިރާގެ މެންބަރު މަރުވެ ވަޅުލުމުން އޭގެކުރިން ދާއިރާގަ މެންބަރ ފިޔަވާ އިންސާނުން ދިރިތިބިކަމެއް ސަރުކާރަށް ނޭންގޭ

  29
  2
 6. ޙަމް

  ކޯލިޝަނުން ބޭރުކޮއްލާ

  14
  9
 7. އަހައްމަދޫ

  ގުޑް

 8. ރާއްޖެތެރެ

  ފާޑު ކީ ޑޯލަރު ނުދޭތީ އަނެއް ދެ ޕާޓީޔައް ހެސްކިޔާފަ ޑޮލަރުތައް ބެހީ.

  1
  1
 9. ޖާނޭ

  ސަރުކާރުން މިއުޅޭ ގޮތުން މަޖިލިސް މެމަބަރުންނަށް ވަރަށް ނުރައްކާ ވ،ާނެ. ދާއިރާގެ ރައްޔިތުންގެ ބަދު ދުއާވެސް އޮންނާނެ. ބުނާނެ "މެމްބަރު އަވަހަށް އިސްތިޢުފާ ދޭށޭ. ނޫނީ އަމިއްލަ އަށް މަރުވާށޭ ރައްޔިތުްނަށް ޓަކާ. ބައި އިލެކްޝަން އޮތިއްޔާ ރޮކެޓް ސްޕީޑްގައި ދާއިރާއަށް ތަރައްޤީ އަންނާނެޔޭ އެކަން ކޮމަންޑޫ ދާއިރާއިން މިފެންނަނީ" ބަޖެޓް ކުރުމެއް ނެތް. ޞަލައިލުމެއް ނެތް. ކޯޓް ތަކުގެ ޤަދަރެއް، ބާރެް ނެތް. ލަދުކެނޑިފައި. ކޮރަޕްޝަނާއި ފަސާދައިން މުޅި ސަރުކާރު ފޯވެފައި.

 10. އަޙްމަދް

  އިރެއްގައި މަނިކުފާނު އެެއްޗެއް ވިދާޅުވާއިރަށް ކޮޅުކޮޅު މައްޗަށް މީހުންތަށް ދުއްވާގަތެއްކަމަކު މިހާރު ނުވަތަ މިއަދުގެ ސިޔާސީ މަޝްރަހުގައި އަޑުއަހާނެ ހަމަ އެކަކުވެސް ނުހުއްނާނެއެވެ. ގަދަބަސް ވިދާޅުވެ މުއައްސަސާތަކަށް އަމުރު މަޢުރޫފު ހިންގެވި ދުވަސް މާޒީއާއި އެކުވެ ހިނގައްޖެއެވެ.
  މަނިކުފާނުގެ ތިކަހަލަ ބަޔާންތަށް ލާން އެއްމެ ރަނގަޅު އެއްޗަކީ ކުނިވަށިގަނޑެވެ.

 11. 7432

  ބަޖެޓުން ބޭރުން ގޮނޑި ހޯދަން ހަރަދު ކުރެވޭ އަރަބިއްޔާ ކުދިން ކިޔަވާނެ ތަނެއް ނުހެދެނީ މީވާ ވެރިކަމެއް

 12. ރާއްޖެތެރެ

  ކޯލިޝަންގެ ހުރިހާ ލާރިތަކެއް ޖޭޕީޔާ އަދާލަތަ އެހެންވެ ފާޑުކިޔަނީދޯ؟

 13. Anonymous

  ބަލަމާރީއްޗެއްނޫން ރައްޔިތުންނޭ ކިޔާކައް މިގައުމުގެ ހުރިހާކަމެއް ހަލާކްކޮއްލާފަ ދެން ކޮންވަހަކައެއް ދޭތެރެދުރުކޮއް 3ޖީލް ނައްތަލި އައްޑަނަބަހައިގެން ޒަވާޖީހަޔާތެއް ފައްޓަފާނެކަމައް ބިންތައް ހިފާއްޓާ ގެދޮރުގެ ދަތިކަން ފޯރުވަފައި ފުލެޓް އަޅައިގެން ކުއްޔައް އުޅެން

 14. ބީފާން ނަސީންބެ

  މިއަދު ތިޔަވާހަކަ ދެއްކީމަ އައންނަނީ ހަމަ ހިނި މިގައުމުގަ އޮއް 98 ކާގޯބޯޓް ތައް ވީހިސާބެއްނޭންގެ އެތަކެތި އަމާނާތްތެރިކަމާއެކު ބަލަހައްޓައިނުދެވުނު އައްޑަނަބަހައިގެން ދޭތެރެދުރުކޮއް 3 ޖީލްނައްތާލީ ޒުވާނުން ބޯހިޔާވަހިކަމުން މަހުރޫމް ކުރުވީވެސް ދަރިންހޯދައިގެން އާބާދީ އިތުރުވެދާނެތީ ބިންތައް ހިފަހައްޓައިގެން 30 އަހަރުވަންދެން ފުލެޓް އަޅައިގެން ކުއްޔައް އުޅެންޖެއްސީ ޑުރަގް ސުކޫލްތަކުގަ އިސްތިހާރުކޮއް މުޅި ޒުވާންޖީލް ހަލާކްކޮއް ގައުމުގެ ފޭރާން ހަލާކްވީ ދެން މިއަދުކޯންޗެއްތޯ ވިދާޅުވެވޭނީ

 15. ގަލަން ތުނޑު

  މިދެން ކުޑަކުއްޖާއަށްވެސް އެނގޭކަންކަން...ކާކު މިކަންކަން ހުއްޓުވާނީ ..ކުއްވެރި އަނގައިން ކުރުމަކުން ނުނިމޭ..އަމަލުން މިކަން ދައްކާލަބަލަ ޒަޢީމޫ