ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށިއިރު، މި ދައުރުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ ޖަލްސާއަށް މެންބަރު ތޯރިހް ހާޒިރުވެފައި ނުވާ ކަމަށާއި މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ފަށަން ތާވަލުކޮށްފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މެންބަރު އަހްމަދު ތޯރިގް ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލުގެ އިބްތިދާއީ ބަހުސް ފަށަން ޖެހިފައި އޮތީ، އިއްޒަތްތެރި މެންބަރު މިއަދު ވަޑައެއް ނުގަންނަވާ، މިއަދު އެ ބަހުސް ފަށަން ހަމަޖެހިފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ މި ބިލު ތޯރިގް ހުށަހަޅުއްވާ ދެ ވަނަ ފަހަރެވެ. 2020 ވަނަ އަހަރު ވެސް މި ބިލު ހުށަހެޅުއްވިއިރު، 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރުންގެ ވޯޓުން ބިލު ބޭރުކޮށްލިއެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ. މިހާރު ޖޭއެސްސީގެ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީ އަށެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ޖޭއެސްސީ މެދުވެރިކޮށް އެ ކޮމިޝަންގައި އޭރަކު ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށް ބުނެ، އެކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

ތޯރިހް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި ސިޔާސީ ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ. ތޯރިގު ހުށަހެޅުއްވި ގޮތުން ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.

އޭގެ އިތުރުން މިހާރު ނެތް ދެ މެންބަރަކު ހިމަނަން ބިލުގައި އޮތެވެ. އެއީ ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ގައުމީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ތަޖުރިބާކާރަކާއި، ޝަރީއާ މުދައްރިސުންގެ ތެރެއިން މުދައްރިސެކެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި އެމްޑީޕީގެ ބޭފުޅުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. މި ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެކަމަކު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ އެއީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާގެ އެންމެ ފަހަށް އޮތް މަސައްކަތް ކަމުގައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ނަޝީދު ވެސް އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. ދެން ރައީސްގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަސްތޫރު ހުސްނީއަކީ ކޮމިޝަންގެ ނައިބު ރައީސްއެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް ޖޭއެސްސީގައި އިންނަވައެވެ.