ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރަން އުޅެނީ އެ ކޮމިޝަންގެ ބާރު މި ވަގުތު އޮތް ފަރާތްތަކުން ބޭނުންވާ ގޮތަށް ޖުޑިޝަރީ "ކޮށައި މެށުމަށް ފަހު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއާއި ޕެޓާނިޓީ ލީވް ލިބިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، އަލީ ހުސައިން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އުޅުނު މަސައްކަތް އެންމެ ފަހު ކަމެއްގެ ގޮތުގައި ބާއްވާފައިވާ ކަމަށެވެ.

އަލީ ހުސައިން އިޝާރާތް ކުރެއްވީ، ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ ބާރު އޮންނަ ގޮތަށް ޖޭއެސްސީ އޮންނަ އޮތުން ބަދަލު ކުރުމެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

އަލީ ހުސައިން ވިދާޅުވީ، އެ މަސައްކަތް މިހާރު ފެންނަނީ ޖޭއެސްސީގެ ބާރު މި ވަގުތު އޮތް ފަރާތްތަކުން ބޭނުންވާ ގޮތަކަށް ޖުޑިޝަރީ "ކޮށައި މަށައި" ބޭނުންވާ ބައްޓަމަކަށް ހެދުމަށް ފަހު ކުރާ ވިސްނުމެއްގައި ކަމަށެވެ. އޭރުން އެ ކަން ކުރި ކަމަކަށް ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖުޑިޝަރީގެ އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ.

"މި ޖުޑިޝަރީ، ކިއްސަރަށް ގެނެސް، ބައްޓަމަށް ގެނެސް، އެއް ތެދުކޮށް، އޮލަނބުކޮށް، ކޮށައި މަށާ، ހަދާނެ އެއްޗެއް ހަދާފައި، ބޭނުންވާ ގޮތަކަށް ގެނެސްފައި، ދެން ވެރިކަން ނިމޭއިރު، އެ ކަން ކުރީމޭ، ބުނާ ކަހަލަ ގޮތަކަށް، އެކަން ކުރަން ބާއްވާފައި އޮތް ތަން މި ފެންނަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުންގެ އަސާސީ މިނިވަން ކަން ކަށަވަރު ކުރެވޭނީ ވެސް ޖޭއެސްސީ އިސްލާހުކޮށްގެން ކަމަށެވެ. ގާނޫނު އަސާސީ އެކުލަވާލި ދުވަހުން ފެށިގެން މި ވާހަކަ ދެކެވެމުން އަންނަ އިރު ވެސް އެ ކަމަށް އަދިވެސް އިސްލާހެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުރާލާ ވަގުތު އޮއްވައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އަޅުގަނޑުމެން ބަދަލު ގެންނަން އެބަ ޖެހޭ، ބަދަލު ގެނެސް ދެން ވާއެއްޗެއް ވެސް ބަލާފައި އިތުރަށް ގެންނަން ޖެހޭ ބަދަލެއް ވެސް، މި ރައްޔިތުން މަޖިލިސް އޮވެގެން، އެ ކަން ވެސް ކުރަން ޖެހޭ،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް ވަގުތު މި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. "ވެހޭތާ ފެން ނުނަގާ" ތިބުމަށް ފަހު، ދެން މެޖޯރިޓީ ގެއްލޭ ދުވަހަކުން އެ ވާހަކަ ދައްކަން ތިބެފިނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީގައި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާއިރު، މިހާރު ވެސް އެ ބޭފުޅުން މެދުވެރިވެގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެ ތުހުމަތު އަންނަ އެންމެ ބޮޑު ސަބަބަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް ވަމުން އަންނަ ގޮތުންނެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިންއެވެ. ނައިބު ރައީސްއަކީ ރައީސް ސޯލިހްގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަސްތޫރު ހުސްނީއެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތް ވެސް ޖޭއެސްސީގައި އިންނަވައެވެ. އަދި އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވާފައި ވަނީ ވެސް އެމްޑީޕީގެ ސްޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ރުހިގެން ތިބުން ނޫންގޮތެއް ނޯންނާނެއެވެ.! މިއީ ކަލޭމެން މި ޤަވްމަށް ޖެއްސި ބަލާވެރިކަމެކެވެ. ޤަވްމު ދަރަނިވެރިވެ ، އިޤްތިޞާދު ފުނޑި ، ބަދަލުގެނަމުގައި ތިޖޫރީ ދަވާލާ ، ޤަވްމުި އަޅުވެތިވެ ، ވައްކަމާ ޑްރަގާ ކޮރަޕްސަން އަތްނުފޯރާފަށަށް ގޮސް ޖްޑިސަރީ ފޫގޮއްސާއޮތްތަން ލޮލަށްފެންނައިރުވެސް ބަހެއް ބުނެލުންފިޔަވައި ކުރެވޭނޭކަމެއް މިއަދަކު ނޯންނާނެއެވެ. މިއީ ރަސޫލާ ދުޢާދެއްވިފަދަވެރިޔާއޭބުނެ ޚުސާމަދުކޮށްގެނައި ، ޖާހިލެއްގެ ވެރިކަމެވެ.

  2. އަހްމަދު

    ޢަލީހުސެއިން އަށްމިއަދުތޯ ތިކަންވިސްނުނީ ރިއާސީއިންތިހާބުތެރޭގަ ޢަލީހުސެއިން އަޑައްބާރުލައްވާފަ ކިތައްބައްދަލުވުމުގައިތިވާހަކަތައް ތަކުރާރުކޮށް ދެއްކެވިންތޯ ﷲގެހެޔޮރަހްމަތާއެކު ތިޔަކަންތައްވެސް 2023 ގަރައީސް ޔާމީން ފުރިހަމަކޮށްދެއްވާނެ ރައްޔިތުންތިބީ ތިޔަ ސްޕަރމެޖޯރިޓީން ކަންކުރާގޮތް ވަރައްގާތުންބަލަން އިންޝާﷲ