ސަރުކާރުން ކޮންމެ އަހަރަކު ވެސް އިއުލާނު ކުރަމުން އަންނަ ސްޓޫޑެންޓް ލޯން ސްކީމްގެ މި އަހަރުގެ ލޯންތަކަށް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއަހަރު ހަޔާ އެޑިއުކޭޝަން ލޯންގެ ގޮތުގައި ސަރުކާރުން 720 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއިން ކިޔެވުމަށްޓަކައި ސަރުކާރުން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި މުޅިން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށް ހާއްސަ ކޮށްގެން 420 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި އަދި މިވަގުތު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން 303 ފުރުސަތު ހާއްސަ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސްކީމްގައި ހުޅުވާލެވޭ ލޯނަށް ކުރިމަތިލުމުގެ ސުން ގަނޑި ހަމަވާނީ މާޗް 3 ގެ މެންދުރު ފަހު 1:30 އަށެވެ. މީގެ އިތުރުން މިއަހަރުގެ ލޯނުގައި ސަރުކާރުގެ ފަރާތުން ވަނީ މުޅިން އަލަށް އިތުރު ކަންތައްތަކެއް ތައާރަފުކޮށްފައެވެ.

"ފުރަތަމަ ކަމަކަށް މިއަހަރު އަޅުގަނޑުމެން މި ސްކީމް ހުޅުވާމިލަނީ، މި ސްކީމަށް އަޅުގަނޑުމެން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ޗާޖު ކުރާ %3، %1 އަށް ކުޑަކުރުމަށް ފަހުގައި. އެނގިވަޑައިގަންނަވާނެ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޓިވް ފީ ވަނީ %5، އިން %3 އަށް ކުޑަ ކޮށްފައި." އެޑްމިނިސްޓްރޭޓިވް ފީ އެއް ޕަސަންޓަށް ކުޑާ ކުރުމަކީ މިނިސްޓްރީގެ ލަނޑުދަނޑިއެއްކަން ހާމަ ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ސްކީމާ އަޅާކިޔާއިރު، މިދިޔަ އަހަރުގެ ލޯން ސްކީމުގައި ރާއްޖޭގައި މާސްޓަސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ނަމަވެސް މިއަދު ހުޅުވާލި ލޯން ސްކީމުގައި ރާއްޖޭގައި މާސްޓަރސް ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެފުރުސަތު ހުޅުވާލީ ގިނަ ދަރިވަރުންތަކެއް ރާއްޖޭގައި މާސްޓަސް ޑިގްރީ އާ ހަމައަށް ކިޔަވަމުން ދާތީ އާއި، ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮލެޖުތަކުން ވެސް މިހާރު ގިނަ އަދަދެއްގެ މާސްޓަސް ޑިގްރީގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ފުރުސަތުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުންނަށް މާސްޓަސް ޑިގްރީއަށް ފުރުސަތު ހުޅުވާލެވި އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް. އަދި މީގެ ހެޔޮ ފައިދާ ރާއްޖޭގެ ކޮލެޖުތަކަށް ވެސް ލިބިގެންދާނެ ކަމަށް." މިފަހަރުގެ ލޯން ސްކީމުގައި ލޯން ސްކީމުން ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި އެމްބީބީއެއްސް ހަދާ ދަރިވަރުންނަށް އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި 40 ސްލޮޓް ރިޒާވް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއަހަރުވެސް ލޯން ސްކީމްގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.