މަންޓާ އެއާގެ ދަތުރުތައް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފުރަތަމަ ފްލައިޓުން ދަތުރުކުރި މީހުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުގައި މަންޓާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު ގަން އެއާޕޯޓުން މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެ.

އައްޑޫއަކީ މަންޓާ އިން ދަތުރު ކުރާ ތިން ވަނަ މަންޒިލެވެ. މިހާރު އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ ދ. ކުޑަހުވަދު އަށާއި ބ. ދަރަވަންދުއަށެވެ.

އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ.

މަންޓާއިން ވަނީ އައްޑުއަށް ދަތުރުތައް ފެށުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެ އެއާލައިނުން ހިންގާ "މަންޓާ އައްޑޫ ޕްރޮމޯ" ގެ ދަށުން 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެއެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ.

އެ އެއާލައިނުގެ ކޮމްފަޓް ކްލާހުގައި ދާ ފަސިންޖަރުންނަށް 22 ކިލޯގެ ލަގެޖް ހިލޭ ގެންދެވޭއިރު ސަފަޔާ ކްލާހުގައި ދާ ފަސިންޖަރުންނަށް 35 ކިލޯގެ ލަގެޖް ގެންދެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ 23 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ފަހުން ވެސް ފެއާގެ ދަށުން ހެޔޮ އަގުތަކެއްގައި ޓިކެޓް ލިބެން ހުންނާނެ ކަމަށް މަންޓާއިން ބުންޏެވެ.

އެ އެއާލައިނުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެއް ދަތުރު އައްޑުއަށް ބާއްވާނެއެވެ.