ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުުފުލާފައިވާ ރިޝްވަތުގެ ކުށުގެ ދައުވާ ކްރުމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މަހްލޫފްގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން 33،000 ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 283 މީހުންގެ ލިސްޓެއް ތަހުގީގީ އިދާރާތަކުން އެކުލަވާލާފައިވާއިރު، އެ ލިސްޓުގައި މަހްލޫފްގެ ނަން ވެސް އޮތެވެ. އޭގައިވާ ގޮތުން ވެސް މަހްލޫފަށް އެސްއޯއެފް މެދުވެރިކޮށް 33،000 ޑޮލަރު ވަނީ ލިބިފައެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން، ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަދީބު ދައުލަތަށް ދީފައިވާ ބަޔާނުގައި މަހްލޫފަށް ރިޝްވަތު ދިން ކަމަށް އަދީބު ވިދާޅުވެފައިވެއެވެ. އަދި ފައިސާއާއި ޗެކެއް އައްލާމް ލަތީފް މެދުވެރިކޮށް މަހްލޫފަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމުގައެވެ.

ނަމަވެސް މަހްލޫފަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އަދީބުގެ ވާހަކަތަކަށް ބާރު ލިބޭނެ ހެކި ގަރީނާ މަދުވުމުން ކަމަށް އެ ކޯޓުގައި އެ މައްސަލައާއި ހަވާލުވެ ހުންނެވި ގާޒީ މުހައްމަދު މިސްބާހް ވިދާޅުވެފައިވެއެވެ.

ގާޒީ މިސްބާހު ފާހަގަ ކުރެއްވި ކަމަކީ، ފައިސާ ދިނީ އައްލާމް ލަތީފް ކަމަށް އަދީބު ވިދާޅުވިޔަސް އެ ފައިސާ ދައުރު ކުރި ގޮތަކާއި، އެ މުއާމަލާތް ހިންގި ގޮތުގެ އެއްވެސް ތަފްސީލެއް އަދީބުގެ ބަޔާނުގައި ނެތް ކަމުގައެވެ.

ބާރު ލިބިދޭ އިތުރު ހެކި ގަރީނާ ނެތި އަދީބުގެ ހެކި ބަހަށް އެއްވެސް ބުރަދަނެއް ދެވެން ނެތް އިރު، އެފަދަ އިތުރު ހެކި ގަރީނާ ދައުލަތުން ހުށަހަޅުއްވާފައި ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދީބު އަތުން ރިޝްވަތު ނެންގެވީ އެސްއީޒެޑް ބިލަށް ވޯޓު ދޭން ކަމަށް ބުނާއިރު، މެސެޖް ކޮށްފައި ވަނީ އޭގެ ފަހުން ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. މަހްލޫފަށް ލިބުނު ކަމަށް ބުނާ 35،000 އެކެރިކާ ޑޮލަރަކީ، އެސްއީޒެޑް ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ ބޭނުމުގައި ނެގި ފައިސާ ކަން ބާރުދެވޭ އެއްވެސް ނުކުތާއެއް ނެތް ކަމުގައެވެ.

މި މައްސަލަ މަދަނީ މިންގަނޑުން ބަލައިގަނެ، ހެކި ބަސް ނެގުމުގެ މަރުހަލާއަކަށް ދިޔައަސް އަދީބު ރިޝްވަތުގެ ގޮތުގައި ޗެކް ނަންބަރު 000025 މަހްލޫފަށް ދިނުމުން، މަހްލޫފް އޭގައި ހިފިކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ވެސް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގެ ތަހުގީގު ވެސް އަމާޒުކޮށްފައި ވަނީ މަހްލޫފްގެ މައްޗަށް ހެކި ހޯދުމަށް ވުރެ ދިފާއީ ހެކި ނަފީ ކުރުމަށް އިސްކަން ދީގެން ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެއެވެ. މި ގޮތުން ފައިސާ ހޯދި ގޮތާއި މުއާލަމާތާއި ގުޅޭ ގޮތުން ކަންކަން ސާފުކުރަން ސުވާލު ވެސް ކޮށްފައި ނެތް ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭގެ ފަހުން މަހްލޫފަށް ދައުވާ ކުރުމާއި މެދު ޕީޖީއަށް ގޮތް ނިންމުނީ އޭގެ ފަސް މަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

"ކޯޓުގައި ދައުލަތް އޮރިޔާން ވާނެ"

"ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެަޑައިގެން މަހްލޫފް ވަނީ އޭނައަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެ ކަމަށް އިންކާރު ކުރައްވައި އޭރު ކަން ހިނގައިދި ގޮތް ވެސް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ އިސްވެރިންނަށް ބަހުގެ ހަމަލަތާކެއް ވެސް ދެއްވިއެވެ.

މަހްލޫފް ވިދާޅުވީ، އޭނާއަށް އެ ބިލަށް ވޯޓު ދެއްވަން އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ބިލަށް ވޯޓު ދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕަށް އަމަލު ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން، އޭރު ޕީޕީއެމްގެ ފަރާތުން އޭނާއަށް ދެއްވި ހަމައެކަނި އެއްޗަކީ މެލޭޝިއާގައި ހުންނެވުމުން ރާއްޖެ ވަޑައިގަންނަވަން ޓިކެޓެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލާގައި ވަކި ގޮތަކަށް ކަންކަން ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން އަހްމަދު އައްސަދު ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓްލޮގްތަކެއް ހުންނެވި ކަމަށް މަހްލޫފް "ވަގުތު ހަވާސް" ގައި ވިދާޅުވެފައިވެއެވެ. މި ތަކެތި ހާމަކޮށްފިނަމަ "ދައުލަތް އޮރިޔާން ވާނެ" ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    ހައިކޯޓުންވެސް ބޭރުކޮށްލާނީއެވެ. ހުސްޑްރާމާއެވެ. މިސަރުކާރުން އުޅެނީ ރައްޔިތުން ގުނބޯހައްދަންކަމަށެވެ. ގުބޯހެއްދޭނީ ރީދޫކުދިން އެކަންޏެވެ.

    18
  2. ކާފަބޭ2020

    ނާޗަރަންގީކުޅެން މަދުދުވަދުވަސްކޮޅަކަށްވާއިރުވެސް ތިޔަނާޗަރަންގީން އެއްވެސްކަމެއް(ވަގުތުދުއްވާލުންފިޔަވާ) ހާސިލުވެދާނެބާ؟ ދައުވާލިބެނީވެސްދައުވާކުރަނީވެސް ދެއަތްތިލައެހާސާފުބައެއްތޯ؟ އަތްތައްސާފުނަމަ މަތީމަގާމުތަކުގައިތިބިގިނަބަޔަކު އެމަގާމުތަކަކުނުތިބޭނެ! ނަޒާހަތްތެރިކަމާޒީރޯޓޮލަރެންސް އެއީ ކަނޑަށްއެއްލާފަވާ ބޮނބިގަނޑެއްކަހަލައެއްޗަކީތޯ؟😆😆😆😆😆😆😆

    13
  3. އެރރީއަސް

    ރ، ނަސީދު އެދޭފަދައިން ގްރާން ތޯންޓަނުން ތިމައްސަލަ ބެލިނަމަ މަހުލޫފު މިހާރުހުންނާނީ ރީއްޗައްބެދި ވަޒީފާގެއްލިފަ...
    ގްރާން ތޯންޓަންއަކީ އެއްކަލަ 800 މިލިޔަންވެންވެސް ހޯދިމީހުން.
    ފޮރެންސިކު ތަހުގީގައް ގްރާން ތޯންޓަން ވަރައް މޮޅުވާނެ.

    11
    3
  4. ޖާބެ

    ނުވާނެ ދައުލަތް އޮރިޔާންވާނެ މިއީ ޔަޤީންކަމެއް... މަޤާމުވެސް ނުގެއްލޭނެ ކުރެވޭނެކަމެއްނޯންނާނެ... އަދުބުލިބޭ ހުކުމެއްޖަހާފިނަމަ ދެމަޤާމު ހުސްވާނެ އެއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޔޫތްމިނިސްޓަރުގެ މަޤާމް މިއީ މިކަންއޮތްގޮތް

    11
  5. ަވިނަރެސް

    ތިކުޅޭ ޑްރާމާ ނޭގޭ ކުޑަކުއްޖަކުވެސް ނެތް. !

    18
  6. މަންތިރި

    ޔާމީން ވީމަ އަދީބުގެ ވާހަކައިން އެކަނިވެސް ފުދޭ!!! ފަނޑިޔާރުގެއަކީ މިހާރަކު ދެން ބޭނުން ތަނެއް ނޫން