އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާއި ބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް މިއަދު ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުވުން އޮތީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައެވެ.

ސްޓޭޓް މިނިސްޓަރު ހަލީލް ވަނީ ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫ.އެސް އޭ.އައި.ޑީ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ ތިއޮޑޯރާ ޑެލްއާއި ވެސް ބައްދަލުކުރައްވާފަ އެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއިއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ތައުލީމާއި، ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގާ ދެ ޤައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު ހަލީލު އާއި އެސިސްޓަންޓް ސެކްރެޓަރީ ލޫ މަޝްވަރާކުރެއްވިއެވެ.

ޔޫ.އެސް.އޭ.އައި.ޑީ އާއެކު ސްޓޭޓް މިނިސްޓަރު ހަލީލް ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ހަލީލްގެ އަރިހުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެންއާއި، އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ ހަސަން އާދަމްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ބައިވެރިވެވަޑައިގަތެވެ.