14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ15:00 އާއި ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި އެޕްލިކޭޝަން ހުށަހަޅާ ބައިނަލްއަޤުވާމީ ފަރާތްތަކަށް އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނެއްގައި ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2018 މޮނިޓަރކުރުމަށް ބައިނަލްއަޤްވާމީ މޮނިޓަރުންނަށްވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކި ފަރާތްތަކުން އަންނަނީ އެޕްލިކޭޝަން ހުށަހަޅަމުންނެވެ.

އިންތިޚާބު މޮނިޓަރކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މިކޮމިޝަނުން ހުއްދަ ދޫކުރާ ފަރާތްތަކަށް ވުމާއެކު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅުމަށް އެދޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ކޮމިޝަނަށް ހުށަހަޅައިގެން ބައިނަލްއަޤްވާމީ މޮނިޓަރުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ގޮތްގޮތަށް ރާއްޖެ އަންނަ ފަރާތްތަށް އިންތިޚާބުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ މަނާކަމެއްކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.