ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑާއި ލޯންޗުތަކާއި ދޯނިފަހަރަށް ތެޔޮ އެޅުމަށް ހާއްސަ ކޮށްފައިވާ ޕަމްޕް ސްޓޭޝަން 24 ގަޑިއިރު ހުޅުވަން ނިންމައިފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "ވަގުތަށް" މިއަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި ފަހުން ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުން ހިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް އެ ބަދަލު ގެންނަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ގަސަމް ވިދާޅުވި ގޮތުގައި ރޯދަ މަސް ނިމުމުން ވެސް މި އުސޫލަށް އަމަލު ކުރާނެއެވެ.

"ރޯދަ މަހަކީ އެހެން މަސް މަހަށް ވުރެ ބޮޑަށް ދުއްވާ އެއްޗެހި ގިނަ އިން ބޭނުން ކުރާ މައްސަރެއް. އެހެންވެ، މިކަންކަމަށް ބަލާފައި ހިދުމަތް ހޯދާ މީހުންނަށް ފަސޭހައަކަށް މި ބަދަލު ގެނައީ،" ގަސަމް ވިދާޅުވިއެވެ.

ޕެޓްރޯލް ޝެޑްގެ އިތުރުން ހުޅުމާލޭގައި އެފްއެސްއެމުން ލޯންޗުތަކަށާއި ދޯނި ފަހަރަށް ތެޔޮ ފޯރުކޮށްދޭ ޕަމްޕް ސްޓޭޝަނެއް ވެސް ހިންގައެވެ. އެ ސްޓޭޝަން ވެސް ރޯދަ މަހުން ފެށިގެން 24 ގަޑިއިރަށް ހުޅުވާލާނެ ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:30 އަށް ޕެޓްރޯލް ޝެޑްތައް ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޯދަ މަހާއި އެހެނިހެން މަސް މަހުގައި ވެސް ހުކުރު ދުވަހު 10:00 އިން 14:30 އަށް ޕެޓްރޯލް ޝެޑްތައް ބަންދުކޮށްފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަސަމް ވިދާޅުވި ގޮތުގައި ރޯދަ މަހު، އެފްއެސްއެމްގެ މުވައްޒަފުންނަށް ވެސް އާއިލާއާ އެކުގައި ވަގުތުކޮޅެއް ހޭދަކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، އެ ގަޑިތަކަކީ އެ މުވައްޒަފުންނަށް ވެސް އާއިލާގެ މީހުންނަށް ވަގުތު ހޭދަކޮށްލަން ލިބޭ ފުރުސަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މުވައްޒަފުންނަށް ރޯދަ މަހު ތަރާވީސް ނަމާދު ކުރަން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ބަންދު ކުރަން ނިންމާ ފައިވަނީ ރަނގަޅު ގަޑި ތަކެކެވެ..

  2. ކާލި

    ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޔެޔުއަޅާ ތަނެއް ހަދަންޖެހޭ ބޮޑު އާބާދިއެއް އެތާގައިވެސް އެބައޮވޭ !

  3. އިއްބެ

    މީ ކުރަން ވާވަރު ކަމެއްނޫން