މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުހިންމު ބައެއް ހިދުމަތްތައް ޑިޖިޓަލްކޮށް, ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މިއާއެކު އެމްޕީއެލްއިން މީގެ ކުރިން ވަރަށް ވަގުތު ހޭދަކޮށްގެން ދެމުންގެންދާ ހިދުމަތްތައް އަވަސްވެގެން ދާނެއެވެ.

ކްރޮސްރޯޑްސްގެ އިވެންޓް ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލް "ޕޯޓް ޑިޖިޓަލްކޯ" ކެމްޕޭން އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. މީގެ ދަށުން ވަރަށް ގިނަ އާ ޕްރޮޑަކްޓްތަކެއް ވަނީ ލޯންޗްކޮށްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްޕީއެލްގެ ޕޯޓް ޑިޖިޓަލްކޯގެ ތެރެއިން ވަރަށް ގިނަ ހިދުމަތްތައް އަވަސްވެގެން ދާނެއެވެ. ޖީބުގައި އޮންނަ ފޯނުން ހުރިހާ ކަމެއް ކުރެވޭހާ އަވަސްވީއެވެ.

މި ކެމްޕޭނާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޕީއެލްގެ ޑެޕިޔުޓީ ޗީފް އިންފޮމޭޝަން އޮފިސަރ އިލްޔާސް ވަހީދު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މުދަލެއް އިމްޕޯޓް ކުރުމަށް 160 ގަޑިއިރު ހޭދަވާ ކަމަށެވެ. އަދި ރާއްޖޭގައި މުދަލެއް އެކްސްޕޯޓް ކުރުމަށް 90 ގަޑިއިރު ހޭދަވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަވަގުތު ހޭދަވަނީ ޑޮކިއުމެންޓޭޝަނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ރެޖިސްޓްރީ ކުރުމާއި، މުވައްސަސާތަކުން ހުއްދަތައް ހޯދުމާއި، އެނޫންވެސް ހުއްދަތައް ހޯދުމަށް ކުރާ ދަތުރުތަކަށް ހޭދަވާ ވަގުތެވެ. އަދި މުދާ އިމްޕޯޓް ކުރުމަށް ކިއުއަށް އެރުން ފަދަ ކަންކަމުގެ ވާހަކައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިއްލެ މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ، މިއީ މިހާރު ކުރިން ކަން ހިނގާ ގޮތް ކަމަށެވެ. މިހާރު މި ހުރިހާ ކަމެއް ފަސޭހަވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ތައާރަފްކޮށްފައި ވަނީ އެމްޕީއެލްއާ ގުޅުން ހުރި މުވައްސަސާތަކާއި ގުޅުވައިދޭ "ބަނދަރު" ޕޯޓަލްގެ ވާޝަން 2އެވެ. އޭގެ ތެރޭގައި ކަސްޓަމްސް އާއި ގުޅުވައިދިނުމާއި އިކޮނޮމިކް މިނިސްޓްރީ އަދި އެ ނޫންވެސް މުވައްސަސާތަކާއި މި ޕޯޓަލްގެ ތެރެއިން ގުޅުވައިދޭނެއެވެ. އަދި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި "މައި ބަނދަރު" ކިޔާ ޕޯޓަލްއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

"މި ޕޯޓަލްގައި ޝިޕް އެޖެންޓުންގެ ރޯލެއް ހުރޭ، އެމީހުން މިހާރު އެމްޕީއެލްއަށް ހުށަހަޅަން ޖެހޭ ހުރިހާ ބިލްތަކާއި ހުރިހާ ޑޮކިއުމެންޓްތައް ހުށަހަޅާނީ ބަނދަރު ޕޯޓަލް މެދުވެރިކޮށް، ވެސަލްއެއް ކުރަހާ ވެސަލްގެ ޕްލޭންތައް ހަދަނީވެސް ހަމަ އެޕްލިކޭޝަންއިން". ކުރީގައި މިކަން ކުރަން ޖެހޭނީ ސްކޭން ކޮޕީ ހިފައިގެން ކަން ފާހަގަކުރަމުން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިއްލެ މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް އެ މީހަކަށް އެ މީހެއްގެ މުދަލުގެ ސްޓޭޓަސްވެސް ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަންތަކާއެކު އަންނާނެ ބަދަލުތަކަށް ބަލާއިރު، ޑޮކިއުމެންޓްތައް ޕްރިންޓް ކުރުން ނިމުމަކަށް އައިސް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ކަމެއް ވާނެއެވެ. އެމްޕީއެލްއަށް ޑޮކިއުމެންޓްތައް ހިފައިގެން އައުން ނިމުމަކަށް މި ވަނީ އައިސްފައެވެ. ޑެލިވަރީ އޯޑަރު ނަގަން ނުޖެހޭއިރު، އެޕްލިކޭޝަން މެދުވެރިކޮށް ޑެލިވަރީ އޯޑަރު އެޕްރޫވްކޮށްލަން ޖެހޭނީއެވެ. އެ ހިސާބުން ކަސްޓަމަރަށް އޭނާގެ ލިޔުން އެޕްރޫވްވެއްޖެކަން އެނގޭނެއެވެ. މިއާއެކު ކަސްޓަމަރު ބޭނުންވާ ދުވަހެއްގައި މުދާ ކްލިއާ ކުރެވޭނެ ގޮތަށް ސޮފްޓްވެއާ އިން ނަގާލެވޭނެއެވެ. އަދި ކްލިއަރިންގ އެޖެންޓެއް އަމިއްލަށް ނެގޭ ގޮތަށް އިންނައިރު، ކްލިއާ ކުރުމުގެ ސްޓޭޓަސްވެސް ބަލާލެވޭއިރު، މިކަމަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ޕޭމެންޓްއިން ދައްކާލެވޭނެއެވެ.

އޭގެ އިތުރުން މައި ބަނދަރު ޕޯޓަލްއާއެކު ދެން ތައާރަފް ކުރި ޑިޖިޓަލް ހިދުމަތްތަކުގެ ތެރޭގައި އީގޭޓް-ޕާސް ހިމެނެއެވެ. މިއީ ކުރިން އެތައް ވަގުތެއް ދާ އެއްޗެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެކަމަކު މިހާރު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ނިންމާލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކާގޯ ކްލިއާ ކުރާ ޕްރޮސީޖާ އަވަސްކޮށް، މެނުއަލީ ފޯމްތައް މެދުވެރިކޮށް ކުރަމުން އައި ހިދުމަތްތައް އޮންލައިންކޮށް ގެންދެވޭނެ ގޮތް ހެދުމެވެ.

"އެހެންކަމުން މިހާރު ހަދާފައި ހުރި ހިސާބުންވެސް 370 މިނިޓުން 15 މިނިޓަށް އެބަ ކުޑަކޮށްލެވޭ".

މީގެ ތެރޭގައި، އެޕްރޫވަލް ހޯދުމާއި، ފޯމް ސަބްމިޓް ކުރުން ފަދަ ގިނަވަގުތު ހޭދަވާ ހިދުމަތްތައް ފަސޭހައިން ކޮންމެ ތާކު ހުރެގެންވެސް ކުރެވޭނެއެވެ. އަދި ހުރިހާ ހިދުމަތްތަކުން ބަލާ ފާސް ކުރުމަށްފަހު، ކަސްޓަމްސް އިން މުދާ ރިލީޒް ކުރިކަން ޕޯޓަލް އިން އެމްޕީއެލްއަށް ނޮޓިފައި ކުރެވޭއިރު، ކްލިއަރިންގ އެޖެންޓް އެދޭ ގޮތަކަށް ވެހިކަލް ނުވަތަ ވެސަލް ރިކުއެސްޓް ކުރެވޭނެއެވެ. އަދި މުދާ ބަރުކޮށް ނިމުމުން އެމްޕީއެލް އިން އެ މުދަލަކަށް އީގޭޓް ޕާސްއެއް ޖެނެރޭޓް ކުރާނެއެވެ. އެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ލިބޭއިރު، ކްލިއަރިންގ އެޖެންޓާއި، ވެހިކަލް ޑްރައިވަރަށްވެސް އެސްއެމްއެސް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބިގެން ދާނެއެވެ. އަދި މި ހުރިހާ އަޕްޑޭޓްތައް ރިއަލް ޓައިމްކޮށް ވަގުތުން އެ އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެމްޕީއެލްއިން ޑިޖިޓަލް ކެމްޕޭނެއް ފަށާފައިވާއިރު، މީގެ ސަބަބުން ޕޭޕަރު ވަރަށް ބޮޑަށް ސޭވް ވާނެއެވެ. އަދި ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްލެވޭއިރު، އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފުން ސީދާ އޮފީހަށް ގޮސްގެން މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް އައީއެވެ. އެގޮތުން ފާހަގަކުރީ، އެ ކުންފުނީގެ ބައެއް މުވައްޒަފުން ސީދާ މާލެ އިން ބޭރުގައި އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި މަސައްކަތް ކުރަމުންދާ ވާހަކައެވެ.

މި ހިދުމަތްތަކާއި ގުޅޭގޮތުން ކޮމިޝަނަރ ޖެނެރަލް ފޯ ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، މި އީގޭޓް ޕާސްއަކީ ރާއްޖެއަށް އެތެރެ ކުރާ މުދާ ފަސޭހަކަމާއެކު ކްލިއާ ކޮށްގެން ނެރެގެން ވިޔަފާރިވެރިންނާއި ހަމައަށް ގެންދިއުމަށް އެންމެ ބުރަ އުފުއްލާ ބްރޯކަރުންނަށް ލިބިގެން ދިޔަ ލުޔެއް ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް ފޯ ކަސްޓަމްސް އަބްދުﷲ ޝަރީފް މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި ބަދަލު ކުރެވުނީ އެގޮތަށް ވަރަށް ގިނަ ވަގުތު ނަގައިގެން ދިޔަ ޕްރޮސެސްއެއް"

އަދި މި އީގޭޓް ޕާސްގެ ސަބަބުން މިފަހަރު ރަމަޞާން މަހުގައި ކްލިއާ ކުރެވޭނެ މުދަލުގެ އަދަދު އިތުރުވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި މި ކެމްޕޭނަކީ މަސައްކަތުގެ ގިޔަރު ކުރިއަށް ޖައްސާލުމަށްޓަކައި ފެށި ކެމްޕޭނެއް ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޝާހިދު ވިދާޅުވީ އިތުރަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.