ރ.އަތޮޅު ފުއްގިރި ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އަދި އެރަށް ކުއްޔަށް ނެގުމުގައި ކޮރަޕްޝަން ހިންގި މައްސަލަ ކޯޓުގައި އޮއްވާ އެރަށް ވިއްކާލައިފިއެވެ.

ރ.ފުއްގިރި އަކީ އެމްއެމްޕީއާރްސީ އިން ވިއްކާލި ރަށްތަކުގެ ތެރެއިން ރަށެކެވެ. އެރަށް އޭރު ގަތް ކުންފުންޏެއް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިންޓަނެޓްގައި އާއްމުވެފައި ހުރި މައުލޫމާތުތައް ބުނާ ގޮތުގައި ރ.ފުއްގިރި 1.55 މިލިއަން ޑޮލަރު (23.9 މިލިއަން ރުފިޔާ) އަށް ކުއްޔަށް ނެގީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑުންނެވެ.

ފުއްގިރި މައްސަލައިގައި، ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ އޯސީސީއާރުޕީން އާންމުކުރި މައުލޫމާތުތައް ބުނާ ގޮތުގައި އެ ރަށް ކުއްޔަށް ނެގީ އިންޑިއާގެ ދެ ވިޔަފާރި އާއިލާއަކުން ގުޅިގެންނެވެ. އެއީ، އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ އަވިނާޝް ބޮސޭލް އަދި އަމިތު ކުމާރު ގާންދީގެ އާއިލީ ވިޔަފާރިންނެވެ.

އަވިނާޝް ބޮސޭލްގެ އާއިލީ ވިޔަފާރިން، ފުއްގިރި ގަތް ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ކުންފުނީގެ %50 ހިއްސާ ކޮންޓްރޯލްކުރާ ކަމަށް އޯސީސީއާރުޕީން ބުންޏެވެ. އަދި އެ އާއިލާ އިން، އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ޖުމްލަ 8.5 މިލިއަން ޑޮލަރު (131.3 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ވެސް އޯސީސީއާރުޕީން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް އިން މިހާރު ވަނީ އެރަށް ވިއްކާލާފައެވެ. ޓްއަރިޒަމް މިނިސްޓްރީން ވަނީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތައް ވިއްކާލުމުން އެރަށާއި ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަން އަންގަން އެދި އިއުލާނެއް ކޮށްފައެވެ.

މިނިސްޓްރީގެ އިއުލާނުގައި ވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ރ.ފުއްގިރި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޓްއަރިޒަމް މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދޭކަމަށެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ކްރިކް އަހްމަދު ރިޒާ އާއި އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.