ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ވާން ޖެހޭއިރު އިނޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަކީ ޖަވާބުދާރީ ވުމުގައި ބަރާބަރު މިނިސްޓަރެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒަށް ތާއީދު ހޯދުމުގެ ގޮތުން ޏ. ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ ބައެއް ވަޒީރުންނާ ސުވާލުކުރުމުން ފަހުން ޖަވާބު ދެއްވާނަމޭ ބުނެ އުޅޭ ކަމަށާއި ނަމަވެސް ފައްޔާޒު ސުވާލުތަކަށް ބަރާ ބަރަށް ޖަވާބު ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޓީގައި ފައްޔާޒް އިސްމާއިލްއާ ކުރެވޭ ހުރިހާ ސުވާލަކަށް އަލިފުން ޔާއަށް ޖަވާބު ނުދެއްވާ އެންމެ ދުވަހެއް ވެސް ނުދޭ. ފައްޔާޒަށް ހަމަ ރަނގަޅަށް މިނިސްޓްރީ ހިންގާލެވެއޭ އަޅުގަނޑު ދަންނަވާނީ." ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ ފައްޔާޒު އިކޮނޮމިކް މިނިސްޓްރީ ހިންގަމުން ދަނީ މިނިސްޓްރީގެ ހުރިހާ ކަމެއްވެސް ރަނގަޅަށް އެނގިގެން ކަމަށާއި އަދި ހަމަ އެމޭރުމުން އެމްޑީޕީ ވެސް ރަނގަޅަށް ހިންގާލާނެ ކަމަށެވެ.

އެހެންކަމުން ފައްޔާޒު ޗެއާޕާސަންކަމަށް އައްޔަނުކުރަން ވޯޓު ދޭން ނާޒިލް އެދިވަޑައިގެންނެވިއެވެ.

ފައްޔާޒުގެ ކެމްޕެއިން މެކުހަށް ޖަހާފައިވާ އިރު ކެމްޕޭނަށް އޭނާ ވަނީ 100 އަށް ވުރެ ގިނަ ރަށްރަށަށް ވަޑައިގެންފައެވެ. ފުވައްމުލަކު ކެމްޕޭންވެސް ވަރަށް ކުދަގަދަކޮށް ބޭއްވި އިރު ވަރަށް ގިނަ މަޖިލިސް މެމްބަރުން ވެސް އެ ކެމްޕޭންގައި ބައިވެރިވެލެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    މަތާއީދެއްނުކުރަން ފައްޔާޒަކީ! އެކަމަކު ވޯޓްދޭނަށް! އިމްތިޔާޒް ފަހުމީހަށް ވުރެ ރަނގަޅު ވާނެކަމަށް ފެންނަނީ!

    1
    2
  2. ޒަމް

    ކަލެއަކަށް ނޭނގޭނެ އޭނައަކީ އަމިއްލައެދުމުން ފޯވެފަހުރި ތާކުންތާކުނުޖެހޭ ހިޔާނާތްތެރިއެއް.

  3. އަވަށުމީހުން

    ހަކުރު ދެންޏާ ބޮޑުބޭބެ... ހަކުރު ހުސްވީމަ ދަންނަ މީހަކަށްވެސް ނުވާނެ.. ބަލާ މިސާލަކަށް އަދީބު.. މިއަދު އޭނަގެ އަގަޔަށް ކޭކުލެއްވި މީހެއްވެސް އެކަން ކުރިކަމަކަށްނުވޭ.. އެސޮރު ނިކަމެތިވީމަ..

  4. އަލީ

    ނާޒިލުގެ ދެމެފިރިންނަށް ލިބުނުވަރު ބުނެލަބަލަ، ޖަވާބުދާރީވާންޖެހޭ ދުވަހެއް އޮނާނެކަން ޔަގީން،