"އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ގާނޫނާ ހިލާފް ގަރާރުތައް ނެރެ ހިޔާލް ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނެފިއެވެެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވައިފައެވެ. އެއާ އެކު މާލޭގެ އިމާރާތްތަކުގައި އިންޑިއާ އައުޓް ޖަހާ ދަމާފައިވާ ބެނާތައް ފުލުހުން ވަނީ ނަގަން ފަށައިފައެވެ. އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ނެގި ބެނާވެސް ފުލުހުން ވަނީ ނަގައިފައެވެ.

ޕީޕީއެމްއިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސްގެ ގަރާރަކީ ގާނޫނާއި ހިލާފް ގަރާރެއް ކަމަށާއި، އެފަދަ ގަރާރުތައް ނެރެެގެން ހިޔާލް ފާޅުކުރުމުގެ މިނިވަންކަމެއް ނުހުއްޓުވޭނެ ކަމަށެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރުކާރުގެ ސަލާމަތާއި ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    ދިވެހި ސަރުކާރުން ރަޙްމަތްތެރި ކަމުގެ ގުޅުން ޤާއިމުކޮށްފައިވާ އެއްވެސް ޤައުމަކާމެދު ނަފްރަތު އުފައްދާ އަދި ޤައުމުގެ އަމާންކަމަށް ގެެއްލުން ލިބޭނެ މަގަށް ކަންކުރުމަކީ ޤާނޫނީ ގޮތުން ޚިޔާލު ފާޅު ކުރުމަށް ލިބިދީފައިވާ މިންވަންކަމާއި ފުށޫ އަރާކަމެއްނޫން. މިނިވަން ކަމަކީ ހުދޫދު ކަނޑައެޅިފައިވާނެ ކަމަކަށް ހަދަންޖެހޭ

  2. ދަތްދޮޅި އާދަނު

    އަނިޔާވެރި 5އަހަރު ހިޔާލް ފާޅުކުރުން އޮތީ ކިހާހިސާބެއްގަކަން ހަނދާނުގަ އެބަހުރިތޯ؟ އަބުރުގެ ގާނޫނެއް ފާސްކޮށް ދައުލަތުގެ ހަޒާނާ ދިރުވައިލީ ފެންފޮދަކާނުލާ ދެއްތޯ، ވައްކަމާ ކޮރަޕްޝަންގެ ވާހަކަދައްކާ ނޫސްވެރިން ޖަލައްލާ ބިރުދައްކާ މީޑިޔާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް ބައެއް މީޑިޔާތައް ބަންދުކޮށް ހަދަމުންދިޔަ ހަނދާނެއް ހަމަނުވަނީތޯ؟

    1
    1