ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއި މެދުގައި ހިތްހަމަ ޖެހޭ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ

ޓީޗާސް އެއޯސިއޭޝަންގެ ރައީސް އަލީ ނާޒިމް "ވަގުތު" އަށް ވިދާޅުވީ އެ އެސޯސިއޭޝަނުން ދެކެނީ އެއީ ވަރަށް ހެޔޮ ބަދަލެއްގެ ގޮތުގައި ކަމަށެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ވަރަށް ބަލައިގަންނަ ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުސާރައިގެ އޮނިގަނޑައަށް ގެނައި ބަދަލަކީ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ނިކަމެތިކަމުން އަރައިގަތުމަށް އޮތް ވަރަށް ބޮޑު ހައްލެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މި ދާއިރާގައި ތިބި ފަންނީ ގާބިލް މުދައްރިސުންތަކެއް ދާއިރާ ދޫކޮށް ދަމުންދާ ދަނޑިވަޅެއްގައި އެކަމަށް އޮތް ހައްލެއް މުސާރައަށް ގެނެވުނު ބަދަލަކީ. އަދި ތައުލީމީ ދާއިރާއަށް ކިޔަވައިގެން ތިބި ޒުވާން ކުދިން މިސްރާބު ޖަހަން އޮން ހަމައެކަނި މަގަކީ އެސް މިއީ ކަމަށް ވާތީ ގެނެވުނު ބަދަލާއި މެދު ވަރަށް ހިތްހަމަ ޖެހޭ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލާއި އެކުގައި ތައުލީމީ ދާއިރާއަކީ ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދެވޭނެ ގާބިލް މުދައްރިސުން ބިނާ ކުރެވޭނެ ދާއިރާ އަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުސާރައަށް ގެނެވުނު ބަދަލާއި މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަ ކުރައްވާ ސަރުކާރުން ގެނައި އެ ބަދަލަށް ނާޒިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޓީޗަރުންގެ މުސާރަ ދެން ހިނގާނީ ފަސް ރޭންކެއްގެ ދަށުންނެވެ. އެއާ އެކު އެންމެ ދަށް ރޭންކް (ރޭންކް އެކެއް) ގެ ޓީޗަރުންނަށް ވެސް އެންމެ މަދުވެގެން 13،266ރ.ގެ މުސާރައެއް ލިބޭނެއެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ.ގެ މުސާރަ އެކެވެ.

އިތުރު ރޭންކްތަކުގެ ޓީޗަރުންގެ މުސާރައަށް އައި ބަދަލު

  • ރޭންކް ދޭއް: 19،467ރ (ކުރިން ލިބެނީ 13.008ރ)
  • ރޭންކް ތިނެއް: 20،895ރ. (ކުރިން ލިބެނީ 15،135ރ.)

އޭގެ އިތުރުން ޓީޗަރުންގެ ރޭންކްގެ ތެރެއަށް ހަތަރެއް އަދި ފަހެއް ވެސް އިތުރުކޮށް އެ ރޭންކްތަކަށް ވެސް ވަރަށް ބޮޑު މުސާރައެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 23،277ރ.ގެ މުސާރައެއް ހަމަޖެއްސި އިރު ރޭންކް ފަހެއްގެ ޓީޗަރުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސީ 25،958ރ.އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަވަ

    ހަގީގަތުގައި ވެސް ދާއިރާގައި ތިބި ގިނަ ޓީޗަރުންގެ މުސާރަ ބޮޑުވިތޯ؟
    ޓީޗަރުންގެ ތެރެއިން ޑިގްރީ ނަހަދައި ތަޖުރިބާ ގުނައިގެން ޕީޖީޑީ ހެދުމަށްފަހު މާސްޓަރސް ހަދާފަ ތިބި ޓީޗަރުންގެ އިންސައްތަ ވަރަށް މަތި.
    މި ބަދަލާއެކު އެމީހުން އެންމެ ދަށް ރޭންކުގެ (ޑިޕްލޮމާ) ޓީޗަރުންނަށް ބަދަލުވީ މުސާރަ ވަނީ ކުޑަތޯ ބޮޑުތޯ. ގައިމު ގެއަށް ގެންދަން ލިބޭ އެއްޗެއް ވާނީ ކުޑަ.

    4
    2
  2. ހަވާސާ ހަމީދު

    ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރަގަޅުބަދަލެއް، ނަމަވެސް ކޮބާތޯ ސްކޫލުގައި ތިބޭ ކައުންސެލަރުންނާއި ހެލްތު އޮފިސަރުން މިމީހުންނަށް ހައްގީ މަހަކު 5000ރ ތޯ؟ އެންއައިގައި ޕަބްލިކު އެގުރަމިނޭޝަންގެ ބައެއް މުވައްޒަފުންގެ މުސާރަޔާ ޑެޕިއުޓީ ޕްރިންސިޕަލުގެ މުސާރަޔާ ހަމައެއްވަރު ޑިޕިއުޓީ ޕްރިންސިޕަލުގެ ޒިންމާ މާބޮޑު އިރު މިއީވެސް ވިސްނާނުލާއޮތްކަމެއް އެޑިޔުކޭޝަން މިނިސްޓަރަކީ ދުރުވިސްނޭމީހެއްނޫން ސެކުޓަރ ރަގަޅުކުރުމުގެ ވިސްނުމެއްނެތް ރައީސް އޮފީހުން ބުނެފިއްޔާ ނުވަތަ ނައިބު ރައީސް ބުނެފިއްޔާ އެއީ އޯކޭގޮތް!

    4
    1
  3. ހަވާސާ ހަމީދު

    ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލު ރަގަޅު ނަމަވެސް:-
    1. ބޮޑު އަގުގައި ޓިއުސަން ނުދީ ފާސްވާނީ 100 އަކުން 1 ކުއްޖަކު،
    2. ކުޖާއް އެންގި ދަސްވެގެން ކިޔަވަދެނީ 1000 ޓީޗަރުންގެ ތެރެއިްން 1 ޓީޗަރު،
    3. ނަފުސާނީ ކަމެއްގައި ކުދިންނަށް އަޅާނެ މީހަކު މަދު ސްކޫލެއްގައި ނޫނީ ނެތް، އެތިބި ތަނުގެ އެމީހުންގެ މުސާރައަކީ މަހަކު 5000ރ ރުފިޔާ [ ކައުންސެލަރ] ،
    4. ސިއްހީ ކަމެއް ދިމާ ވީމާ އަޅާލާނެ މިކުވެސް ގިނަ ސްކޫލުގައިނެތް، އެމީހުންގެ މުސާރައަކީވެސް 5000 ރުފިޔާ (ސްކޫލު ހެލްތު އޮފިސަރުން) މިއީޓޯ އެޑިޔުކޭޝަން ސެކްޓަރއަށް އައި ހެއުބަދަލަކީ؟؟؟

    6
    1
  4. ޓީޗަރެއްގެ ފިރިއެއް.

    ހަމައެކަނި ޓީޗަރުންގެ މުސާރަ ބޮޑުކޮށްގެން ސްކޫލްތަކުގެ ނަތީޖާތައް ރަނގަޅު ނުކުރެވޭނެއެވެ. ސަބަބަކީ މުސާރަ ބޮޑުކުރިޔަސް ނުކުރިޔަސް ޓީޗަރުން އުޅެންޖެހޭ ބުރަކަމަކަށް އެއްވެސް ބަދަލެއް ނާންނާނެތީއެވެ. ކޮންމެ ޓީޗަރަކު ދުވާލަކު ނަގަންޖެހޭ ގަޑިތައް ގިނަވުމުގެ ސަބަބުން ކޮންމެ ޓީޗަރަކުވެސް އުޅެންޖެހެނީ ވަރަށް ބިޒީކޮށެވެ. ސްކޫލްގައި ހޭދަކުރާ ވަގުތު ކިޔަވައިދިނުމުގައި ވަރަށް އަވަދިނެތިއެވެ. ގެޔަށްގޮސް އުޅެނީ މާދަމާގެ ލެސަންޕްލޭންތައް ހެދުމުގައި އަވަދިނެތިއެވެ. މިކަމަށް ލުޔެއް ލިބިގެން ނޫނީ ނަތީޖާ ރަނގަޅު ނުކުރެވޭނެއެވެ. އިތުރު ޓީޗަރުން ސްކޫލްތަކަށް ހޯދަންޖެހެއެވެ. ރަނގަޅަށް ހަމަޖެހިލައިގެން ގަޑިތައް ނެގޭނެވަރުގެ ލުޔެއް ލިބެންޖެހެއެވެ. އިތުރު ހެޔޮ ވިސްނުންތަކަށް ދިއުމަށް ޓީޗަރުންނަށް ފުރުޞަތު ލިބެންޖެހެއެވެ. މުސާރައާ ކުޅުމުގެ ކުރިން އަސްލު މައްސަލަ ދިރާސާ ކުރެވޭހެނެއް ހިޔެއް ނުވެއެވެ.

  5. އުސްމާނުބެ

    ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބުނަން އޮތީ މުސާރަ ބޮޑުވީމަ ޓީޗަރުންގެ ފެންވަރު ރަގަޅުވޭހެއްޔޭ..... ނޫނީ ކުރީގަ މުސާރަކުޑަވެގެން އެވަރައް މަސައްކައި ނުކުރަނީތޯއޭ އެހެންވީރު.

  6. ނިއުމަލާ

    ދާއިރާ ކަނޑަ އަޅާފައި ވާ ގޮތުން ފުށުން އަރާ ކަންކަން އެބަހުރި. މީގެ ތެރޭގައި! އިސްލާމީކް ޔުނިވާސިޓީ އިން ހިންގާ ޓީޗިންގ ރިލޭޓެޑް މާސްޓާސް ޕްރޮގްރާމް ހިމަނާފައި ނުވާތީ ގިނަ މުދައްރިސުން ގެ ކަންބޮޑުވުން އެބަހުއްޓެވެ. މާސްޓާސް އެންޑު ޓީޗިން ޕްރޮގްރާމަކީ މިހާރުވެސް އީ.ކިއު އާއި އެކު މުސާރައާއި މަގާމުގެ ކުރިންވެސް ލިބޭ ޕްރޮރާމަކަށް ވީ އިރުވެސް ދާއިރާ ކަނޑައަޅާފައިވާ އޭރިއާގައި ހިމަނާފައި ނެތްކަން ފާހަގަ ވެއެވެ. ބޮޑަށް އިނީ އެމް، އެން.ޔޫ ގެ މާސްޓާސް ޕޮރޮގްރާމް ކަން ފާހަގަ ކުރެވެ އެވެ.

  7. ސަމާހު

    ޓީޗާރސް އެސޯސިއޭޝަނުން ލާރީގެ ހިތް ހަމަ ޖެހުނު އިރު މިސަރުކާރުން ކުދިންނަށް ކިޔަވައިދޭ ފޮތްތަކުގައި ހުރި ލާދީނީ ކަންތައްތަކާއި މެދުވެސް ހިތްހަމަ ޖެހޭ ވާހަކަތޯ ތިބުނީ؟ މުޅި ތަޢުލީމީ ނިޒާމް ހަލާކު ކުރަމުން ދާއިރު ޓީޗަރުން އެއްޗެއް ނުބުނާތީ ވަރަށް ދެރަ، މުސާރަ ބޮޑުކޮށްފަ އަނގަމަތީ ޓޭޕް އެޅުނީ ތީ! ދެން މިސަރުކާރުން އަބަދުވެސް ދައްކާނީ އެވާހަކަ، ދެން އޮންނާނީ މުޅިންވެްސ ކަލަ ގޮވުން.

  8. ޢަލީ

    މުސާރައަށް ގެނައި ބަދަލު އޮޅުން ބޮޅުމެއްގައި ދޯ. ކުރީގެ އެކިއެކި ރޭންކްތަކަށް ލިބޭ މުސާރަކަމަށް ކިޔާފަ ޖަހާފަ ހުރި ޢަދަދުތަކަކީ އެއްގޮތަކަށްވެސް ދިމާވާ ޢަދަދުތަކެއް ނޫން.