ރައްޔިތުން ނިކުމެ ސަރުކާރާއި މަޖިލިހުގައި ހުރި ކުނި ސާފު ކުރަން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް އެގޮތަށް ގޮވާލެއްވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކާއި، އެޕާޓީގެ އިސް މީހަކު ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ކުރިއަށް ބޭރުކޮށްލުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އަށް ސަރުކާރާއި މަޖިލިސްއިން ބީރު ކަންފަތެއް ދިން މައްސަލަ އެންމެެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

" ސަރުކާރާއި މަޖިލިސްގައި ހުރި ކުނި ރައްޔިތުން ނިކުމެ ސާފު ކުރަން ވެއްޖެ. މުޅި ގައުމު ހަރާބުކޮށްފި." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

ނަމަވެސް ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ކޮންޓްރޯލް ކުރާ ވެރިކަން ކުރާ އެމްޑީޕީން ތާއިދު ނުކުރުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 33 މެންބަރުން ވޯޓު ދެއްވި އިރު ހަ މެމްބަރަކު ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓް ދޭން ބޭނުން ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު