ބޮމުގެ އިންޒާރަކާ ގުޅިގެން މާލެ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަން ނިންމާލައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރު ދީފައި ވަނީ މާލެ ސިޓީ ކައުންސިލް ޕޯޓަލް މެދުވެރިކޮށް މީހަކު ދިން މެސެޖެއްގައެވެ. ކާކު ކަން ނޭނގޭ ގޮތަށް ދިން އިންޒާރުގެ މެސެޖްގައި އޮތީ "ބޮމެއް ދަބަހަކަށްލާފައި ޗައިނާ އެމްބަސީ އާއި ރަޝިއާގެ ކޮންސިއުލޭޓްގައި އޮންނާނެ ކަމަށް" މިހެންނެވެ.

މި މެސެޖާއެކު ފުލުހުންނާއި ސިފައިން ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދު ވެސް ކުރިއެވެ.

މީގެއިތުރުން ސިވިލް ކޯޓު ކައިރިން އޯކިޑް މަގު ވެސް ބަންދުކުރިއެވެ. އަދި ސުޕްރީމް ކޯޓު ކައިރީގައި އޮންނަ ހަނި ގޯޅިގަނޑެއް ވެސް ސިފައިން ބަންދުކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ ދެ ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން މިއަދު އެސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

"ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަގީންވުމުން މިހާރު ވަނީ މި ހަރަކާތް ނިންމާލެވިފައެވެ. މިކަމުގައި އެންމެހާ ފަރާތްތަކުން ދެެއްވި އެއްބާރުލެއްވުމަށް ނިހާޔަތައް ޝުކުރު އަދާކުރަމެވެ". ހަނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަވީ

    އެންމެ މަދުވެގެން ދެބޯގެރި އެއް ފެނުނުތަ ؟