ދިވެހިންނަށް ހާއްސަކޮށްގެން 200 ވަޒީފާ އުދައްފަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެހެން ބުނެފައިވަނީ އެ ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނެރެފައިވާ މަޖައްލާއެއްގައެވެ.

އެ މަޖައްލާގައި ކައުންސިލުން ބުނެފައި ވަނީ ވަޒީފާތައް ދޭއިރުގައި ދިވެހިންނަށް އިސްކަން ދޭ ކަމަށެވެ.

އަދި ކައުންސިލްގެ ވަޒީފާތަކުން ބިދޭސީން މަދުކުރާނެ ކަމަށާއި މާރުކޭޓް ގޮޅިތައް ދިވެހީނަށް ހާއްސަކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ކައުންސިލުން ބުނެފައި ވަނީ އިޖްތިމާއީ ހިދުމަތުގެ ދަށުން މަގުމަތީ ބާޒާރުތައް ބާއްވަން އަލުން ފަށާފައިވާ ކަމަށެވެ. އަދި އަވަށު މަދަރުސާތައް ބަލަހައްޓަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

" އާއްމު ފާހަނާތައް މަރާމާތުކުރާނީ ޒަމާނީ ބަދަލުތަކާ އެކުގައި. މޫދު ކުޅިވަރަށް ހާއްސަ ތަންތަން ގާއިމްކޮށްދޭނަން. އަދި ދޮންގަނޑު ވޮލީކޯޓް ގާއިމްކޮށްފިން." މާލޭ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން ބުނެފައިވަނީ އެކި ކުޅިވަރުކުޅޭނެ ދަނޑުތައް ގިނަކޮށްދޭނެ ކަމަށެވެ. އަދި އެކި މުބާރާތްތައް ގިނަކޮށް ރޫހު އާލާކުރާނެ ކަމަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.